logo
logo
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެ!

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެ!

2025 ޖުލައި 02
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި ޖުލައި މަހުގެ 17 އަށް ހަމަވާތީ، އެ ތާރީޚްގެ ކުރިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިޢުލާނެއްގައި ވަނީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން oneGov ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުޞަތު 2025 އޭޕްރީލް 17 އިން ފެށިގެން ހުޅުވާލާ، 3 މަސް ދުވަހުގެ ތެރޭގައި ހުއްދަ ނެގުމަށް އިއުލާންކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިމަހުގެ 17 ގެ ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަށެވެ.

ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމަށާއި، ރީ-އެކްސްޕޯޓު ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ޤާނޫނު ނަންބަރ 2010/15 "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު" އަދި އެ ޤާނޫނުގެ ދަށުން ޢާއްމު ކޮށްފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދު" (ނަންބަރު:2025/R-21) ބަޔާން ކުރާގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަން ޖެހެއެވެ.

މީގެއިތުރުން، ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ 21 މެއި 2025 ގައި ތަޞްދީޤުކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި 2 ވަނަ އިޞްލާޙަށް 1 ނޮވެމްބަރު 2025 ން ފެށިގެން ޢަމަލުކުރަންފެށުމާއިއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް