
ސިންގަޕޫރަކީ ރާއްޖެއަށް ނަމޫނާ ޤައުމެއް، ދެ ޤައުމު ގުޅިގެން ކުރިއަށްދާން ތައްޔާރު: ރައީސުލްޖުމްހޫރިއްޔާ
ޒައުޖަތު އަޙުމަދުސިންގަޕޫރަކީ ރާއްޖެ އިން ނަމޫނާއެއްގެ ގޮތުގައި ބަލަމުން އަންނަ ޤައުމެއް ކަމަށާއި ދެ ޤައުމަށް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖާފަތުގެތެރެއިން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑެތި ވިޔަފާރިތަކުގެ މައި ހަބަކަށް ބަދަލުވެ، ސިންގަޕޫރުން ހޯދި ކުރިއެރުންތަކާއި އާ އީޖާދުތަކަކީ ނަމޫނާއެއްގެ ގޮތުގައި ރާއްޖެ އިން ބަލާ ކަމަށެވެ. އެހެންވެ، ދެ ޤައުމުގެ މުސްތަޤްބަލަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުން މުހިއްމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ އާއި ސިންގަޕޫރަކީ ކުޑަ ދެ ޤައުމު ކަމަށް ވިޔަސް، ދެ ޤައުމަށް ލިބިފައި ހުރީ އަގުހުރި ވަސީލަތްތަކެއް ކަމަށާ ސިންގަޕޫރުގެ ވިޔަފާރިތަކާއެކު ގުޅިގެން ދެ ޤައުމަށް ފައިދާވާނެ ގޮތަށް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މާލެ އަށް 2014 ވަނަ އަހަރު ކުރިމަތިވި ފެނުގެ ހިދުމަތް ކެނޑުމުގެ ހާދިސާގެ އިތުރުން ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސިންގަޕޫރުން ދިން އެހީއާއި ޣާޒީ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުއަށް ސިންގަޕޫރު ސަރުކާރުން ދިން އެހީ ފާހަގަ ކުރައްވައި، އެ ކަމަށް ޝުކުރު އަދާ ކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހުމާންދާރީއަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިންގަޕޫރާއި ރާއްޖެއަކީ ވެސް ކުޑަ އަދި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އޮތް ދެ ޤައުމު ކަމަށެވެ. އެހެންވެ، އެ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިންގަޕޫރާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމާ ދިމާކޮށް ޚާއްޞަ ސްޓޭމްޕެއް ވެސް މިއަދުގެ ރަސްމިއްޔާތުގައި އިފުތިތާޙްކުރިއެވެ. އެ ސްޓޭމްޕް އިފްތިތާޙްކޮށް ދެއްވީ ރައީސް މުޢިއްޒާއި ރައީސް ތަރްމަން އެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސްޕެޝަލް އެންވޯއިގެ މަޤާމުން ރައީސް ވަޙީދު އިސްތިޢުފާ ދެއްވައިފި2026 ފެބްރުއަރީ 03
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29