logo
logo
މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެ ކުރީސަފުގައި އަބަދުވެސް ދިވެހިރާއްޖެއިން މަސައްކަތް ކުރާނެ: ޝިޔާމް

މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެ ކުރީސަފުގައި އަބަދުވެސް ދިވެހިރާއްޖެއިން މަސައްކަތް ކުރާނެ: ޝިޔާމް

2025 ޖޫން 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ކަނޑުތައް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށާ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ޤައުމުތައް ނުރައްކަލާ ކުރިމަތިލާންޖެހުނަސް އެނުރައްކަލުން އަރައިގަތުމަށް އެންމެ ކުރީސަފުގައި އަބަދުވެސް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ޝިޔާމް މިހެން ވިދާޅުވީ ފްރާންސްގައި މިހާރު ކުރިއަށްދާ އދ. ގެ އޯޝަން ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ އަދި އެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށާ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަތައް މަރުވުމަކީ ހަމައެކަނި ސައިންސުވެރިން ފާހަގަކުރާ ކަންބޮޑުވުމެއް ނޫންކަމަށާއި އެއީ ދިވެހީންގެ ދިރިއުޅުމުގެ ޙަޤީޤަތް ކަމަށެވެ.

އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އިތުރުވެ، މަހުގެ ސްޓޮކް ދަށްވަމުންދާކަން ފާހަގަ ކުރައްވާ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކަނޑަކީ ސީދާ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ވަސީލަތެއް ކަމަށާ އެއީ ދިވެހީންގެ ސަޤާފަތް ރަމްޒުކޮށްދޭ އެއްޗެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކަނޑާ ގުޅުންހުރި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖޭގައި 93 އަށް ވުރެ ގިނަ، ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ކަމަށާ އދގެ އޯޝަންސް ކޮންފަރެންސްގެ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެއްފަހަރު ބެނުންކޮށް އުކަލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާ ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި ކަނޑަށް އެންމެ ބޮޑަށް ބަރޯސާވާ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބަސް ހިމެނެން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކަނޑުގެ މުސްތަޤްބަލަކީ މަދު ބަޔަކަށް ލިޔެވިދާނެ އެއްޗެއް ނޫން ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މާލީ އެހީތެރިކަން ހޯދުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ގޮންޖެހުންތައް ހުންނަ ކަމަށާއި އެފަދަ ޤައުމުތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްޤީވެފައިވާ ޤައުމުތަކަށާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކަށް ވަޒީރު ގޮވަލެއްވިއެވެ. އަދި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ދެވޭ ލޯނުތައް މައާފުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި ކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް