ހައި ސްޕީޑް ރޭލުގައި ޙައްޖުވެރިން ދަތުރުކުރުމަށް ރައީސް ނިންމެވުމާއެކު އެމަސައްކަތް ފަށައިފިން: ޝަކީލް

މިއަަހަރުން ފެށިގެން ޙައްޖުވެރިން މައްކާއާއި މަދީނާއާ ދެމެދު، ހައިސްޕީޑް ރޭލުގައި ދަތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއެކު އެމަސައްކަތް ފަށާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ދިވެހި ޙައްޖުވެރިން ހައިސްޕީޑް ރޭލުގައި ދަތުރުކުރާގޮތަށް ހަމަޖެހިގެނދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައި ވަނީ މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙްކުރެއްވުމަށް، މިމަހުގެ 26ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދާ ދިވެހި ޙައްޖުވެރިން މީގެ ކުރިން މައްކާއާއި މަދީނާއާ ދެމެދު ކުރާ ދަތުރަކީ 8 ގަޑިއިރާއި 10 ގަޑިއިރާ ދެމެދު ދަތުރެއްކަމަށާ އެހެންނަމަވެސް އެ ދަތުރުތައް ހައިސްޕީޑް ރޭލުގައި ކުރާގޮތަށް ރައީސް ނިންމެވުމާއެކު މިއަހަރުން ފެށިގެން ޙައްޖުވެރިން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައިކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުރުވެގެންދާނެކަމަށާއި އަދި މިއީ ޙައްޖުގެ އަޅުކަމަށްފަހުވެސް ޙައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށްވެގެންދާނެ ކަމެއް ކަމަށެވެ.
ޝަކީލް ވިދާޅުވީ ހައިސްޕީޑް ރޭލުގައި ދަތުުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަން ރައީސް އިޢުލާންކުރެއްވި ހިސާބުން ފެށިގެން އެމަސައްކަތް ފައްޓަވާ ޙައްޖުވެރިންގެ ނަންތައް ސިސްޓަމަށް އަޅާ ޓިކެޓް ގަތުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށެވެ.
މީގެއިތުރުން ޝަކީލް ވިދާޅުވީ ރައީސްގެ އެ ނިންމެވުން ތަންފީޒް ކުރާއިރު، އެއީވެސް އަލަށް ބަދަލުވެގެން ދާކަމެއް ކަމަށާ މީގެކުރިން ދިވެހި ޙައްޖުވެރިން އަބަދުވެސް ދަތުރުކުރަނީ ބަހުގައި ކަމަށާ މިއީ ތަކުލީފް ކަމެއް ކަމަށެވެ. އަދި ރައީސްގެ އެނިންމެވުމާއެކު ސަޢުދީ ޢަރައްބިއްޔާއާ ގުޅިގެން އެކަން ތަންފީޒްކުުރުމަށް ތައްޔާރުވެފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަވާނެ ގޮތަށް ކަންކަން އިންތިޒާމްކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެމަސައްކަތުގެތެރެއިން ރަޖިސްްޓްރީކޮށްގެން ހިންގާ ކްލިނިކެއް، ޙައްޖުވެރިން ތިބޭ ހޮޓަލުގައިި މިއަހަރު ވަނީ ޤާއިމްކޮށްފައެވެ.
މައްކާއިން މަދީނާއާ ދެމެދު ދަތުރުކުރުމަށް ޙައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގައިވެސް ހައިސްޕީޑް ރޭލު ބޭނުން ކުރާކަން ފާހަގަކުރެވެއެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށްދާ ދެވަނަ ގުރޫޕް މިއަދު ހެނދުނު ފުރާފައިވާއިރު، އިއްޔެ ފުރި ފުރަތަމަ ގުރޫޕްގެ ހުރިހާ ޙައްޖުވެރިންގެ ޙާލު ވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވަނީ ވިދާޅުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)