logo
logo
ސަންގުޓީވީގެ އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑް މާހަތު ޙުސައިން ރަޝީދަށް!

ސަންގުޓީވީގެ އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑް މާހަތު ޙުސައިން ރަޝީދަށް!

2025 މޭ 25
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އަމިއްލަ ފަރާތަކުން ހިންގާ ސަންގުޓީވީގެ އެންމެ ރަނގަޅު މުވައްޒަފު ނުވަތަ "ސްޓާފް އޮފް ދި އިޔަރ 2024" ގެ އެވޯޑް، ނޫސްވެރިޔާ މާހަތު ޙުސައިން ރަޝީދު (އާންމު ނަމުން ނަމަ މާތު) ޙާޞިލުކުރައްވައިފިއެވެ.

ސަންގުޓީވީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑް މާތުއަށް ލިބިފައި ވަނީ ސަންގު ޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ފަރުކޮޅުފުށީގައި ބޭއްވި ޚާއްޞަ ޙަފުލާގައެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދެވެ.

މި އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި ޙަފްލާގައި ސަންގު ޓީވީގެ "މޯސްޓް ޕްރޮމިސިންގ އެމްޕްލޯއި 2024" ޙާޞިލުކުރެއްވި އާމިނަތު ވިރުޝާއަށް އެވޯޑް ޙަވާލުކޮށްދެއްވީ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދުއެވެ.

މީގެއިތުރުން، އެކި ގޮތްގޮތުން ފާހަގަކުރެވޭ މުވައްޒަފުންނާއި، ސަންގުޓީވީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ވެސް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވުން މި ޙަފުލާގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ސަންގުޓީވީގެ އިސްވެރިންނާއި މުވައްޒަފުންނާއެކު، މުނާސަބަތަށް ޚާއްޞަކުރެވިފައި އޮތް ކޭކެއް ފަޅުއްވައިދެއްވައި، މި ޙަފުލާއާ ގުޅުވައިގެން ކުރިއަށްދިޔަ ހަވާ އެރުވުމުގެ ޙަރަކާތް ބައްލަވައިލައްވައިފައެވެ.

ސަންގުޓީވީ އުފެދިގެން އައީ އެޕްރީލް 30، 2015 ގައެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ސަންގުޓީވީއިން އަންނަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާގައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. ސަންގުޓީވީގެ ކުޑައިގެ ދަށުން ޓީވީ ބްރޯޑްކާސްޓް ކުރުމުގެ އިތުރުން އޮންލައިން މީޑިއާ މަންސަތަކުގައިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ޙަފުލާގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮރމޭޝަން އެންޑް އަރޓްސް، އިބްރާހީމް ވަޙީދުގެ އިތުރުން، ދަޢުލަތާއި މީޑިއާގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ސަންގުޓީވީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް