logo
logo
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލްގައި ބާއްވަން ނިންމައިފި!

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލްގައި ބާއްވަން ނިންމައިފި!

2025 މޭ 24
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އެ އަހަރުގެ އޭޕްރީލްގައި ބާއްވަން އިލެކްޝަންސް ކޮމިޝަން ، އީސީން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބަށް ވުމުން މި އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ޒާހިދު ވިދާޅުވީ ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތްތައް ފަށާފައިވާކަމަށާ އަދި ޤާނޫނާއި ޤަވާޢިދަށް ގެންނަން ޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގައި ދިމާވާނެ އެންމެ ބޮޑު ދަތިކަމަކީ ޖާގައިގެ ދަތިކަންކަމަށް ޒާހިދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އިންތިހާބާ ބެހޭ މަރުކަޒުގެ ގޮތުގައި ބޭނުން ކުރާނެ އިމާރާތެއް ހޯދުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. އަދި ޑިޖިޓަލްކޮށް މިކަންކަން ކުރިއަށް ގެންދިއުމުގައި އެންމެ ޚަރަދު ކުޑަ ގޮތަކީ ކޮބައިތޯވެސް ބަލަމުންދާކަމަށް ޒާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ހިމެނެނީ ސިޓީ ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ރަށު ކައުންސިލް އަދި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް