logo
logo
މުހިންމީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ހައްލު ހޯދުން: ރައީސުލްޖުމްހޫރިއްޔާ

މުހިންމީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ހައްލު ހޯދުން: ރައީސުލްޖުމްހޫރިއްޔާ

2025 މޭ 22
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އެމަނިކުފާނަށް މުހިންމީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯދުން ކަމަށާއި، އެކަމަށް މިސަރުކާރުގެ ޕޮލިޓިކަލް ވިލް އޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރުމަށް އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމު އިސްކޮށްގެން، ރައްޔިތުންނަށް ހެވާއިލާބަ އެދިގެން މިހާތަނަށް ސަރުކާރުތަކުން، ދުންފަތުގެ މައްސަލަތައް ފަދަ މައްސަލަތަކަށް ޙައްލުހޯދުމުގެ ސިޔާސީ ވިސްނުމެއް ގެންގުޅެފައިނުވާކަމަށެވެ.

އިއްޔެ ތަޞްދީޤުކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވެގެން ދިޔުމުގެ އިތުރަށް، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާކުރެވޭނެއެވެ. އަދި، އެފަދަ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން މަނާކުރުމުގެ އިތުރަށް، އެފަދަ ތަކެތި އަތުލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދީފައިވެއެވެ.

ރައީސްގެ ވާހަކަފުޅުގައި، ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ، ޤައުމުގެ މުސްތަޤްބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމަށެވެ. އަދި، މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދެކުމަށް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮތް ކަމަށާއި، މި އިޞްލާޙް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވާނަމަ، ޤައުމުގެ މުސްތަޤްބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށެވެ. ޤައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ އަމާޒު ކަށަވަރުކުރުމުގައި މިބިލަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ވެގެންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާގެ ވާހަކަފުޅުގައި، ޖެނެރޭޝަނަލް ބޭނެއްގެ އިތުރުން، ދުންފަތުން ދުރުވުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް ފެށި، އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިނގޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޤާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫންކަމަށާއި، އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު އިއްޔެ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

ރައީސްގެ "ޖެނެރޭޝަނަލް ބޭން ބޭން" އަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މަރުޙަބާ ކިޔައިފައެވެ. އެ ޖަމްޢިއްޔާއިން ވަނީ އެ ފިޔަވަޅަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައެވެ.

އަދި މިކަން ފާހަގަކޮށް، އެ ޖަމްޢިއްޔާގެ ޚާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައިވެއެވެ. ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްޙަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް