logo
logo
ޔާމީންގެ ޝަރީއަތަށް ނުފޫޒެއް ނުފޯރުވަން: ރައީސް

ޔާމީންގެ ޝަރީއަތަށް ނުފޫޒެއް ނުފޯރުވަން: ރައީސް

2025 މޭ 03
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް އިހުތިރާމް ކުރައްވަން ކަމަށާއި އެމަނިކުފާނުގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންތިހާބުވި ފުރަތަމަ ދުވަހު އިއުލާނުކުރެއްވި ގޮތަށް ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި އެއީ އެމަނިކުފާނުގެ ޟަމީރު ގަބޫލުކުރައްވާ ކަމެއް ވެސް ނޫން ކަމަށެވެ.

ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފުއްގިރި މައްސަލާގައި އަޑުއެހުންތައް އަލުން ފެށި ވާހަކަ ވެސް ފެނުނީ ނޫހުން ކަމަށާއި ޕީޖީ އޮފީހަކީ މިނިވަންކޮށް ހިނގާ ތަނެއް ކަމަށެވެ.

"އަޅުގަނޑު ނުފޫޒެއް ނުފޯރުވަން ރައީސް ޔާމީންގެ ކޭސް އަކަށް. އަދި އެހެން އެއްވެސް މީހެއްގެ ކޭސް އަކަށް ވެސް. އަޅުގަނޑު ކުރާނެ ކަމެއް ނޫން އެއީކީ. އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ރައީސް ޔާމީނަކީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ޔާމީންގެ ޝަރީއަތަށް ވެސް އަދި ގުޅުން ހުރި ހެއްކަކަށް ވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި، މިއަދު އެމަނިކުފާނު ގޭގައި ހުންނެވީ ރައީސް ކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ކުރެވުނު މަސައްކަތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޔާމީނަށް އިހުލާސްތެރިއެއްގެ ގޮތުގައި ހުންނެވި ކަމަށް ޔާމީން ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޔާމީނާ ކައިރީގައި ތިއްބެވި ބޭފުޅުން މިކަމާ ގުޅުވައި ދޮގު ވާހަކަ ފަތުރާތީ ވަރަށް ދެރަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް