logo
logo
ވީ ހުރިހާ ވަޢުދެއް ހަނދާން އެބަހުރި، 2129 ވަޢުދުވިން: ރައީސުލްޖުމްހޫރިއްޔާ

ވީ ހުރިހާ ވަޢުދެއް ހަނދާން އެބަހުރި، 2129 ވަޢުދުވިން: ރައީސުލްޖުމްހޫރިއްޔާ

2025 މޭ 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރިޔާސީ އިންތިޚާބުގައްޔާ އަދި ވެސް އެނޫން އެކި ފަހަރުތަކުގައި ރައްޔިތުންނަށް އެމަނިކުފާނު ވީ ހުރިހާ ވަޢުދުފުޅެއް ހަނދުމަފުޅު އެބަހުންނެވި ކަމަށާ ޖުމްލަ 2129 ވަޢުދުވެލައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހު ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވަޢުވެލެއްވީ އެކަންކަން ކުރުމުގެ ނިޔަތުގައި އެ ޢަޒުމުގައި ކަމަށާ އެ ހުރިހާ ވަޢުދުފުޅެއް ވެސް ހަނދާން ހުންނެވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެމަނިކުފާނު ވެލެއްވި ވަޢުދުތައް ފުއްދުމަށް ކަމަށެވެ. އެހެންކަމުން މިއަދާ ހަމައަށް އެމަނިކުފާނު ވެލެއްވި އަޢުދުފުޅުތައް ލިސްޓް ކުރެވިފާއި ހުރި ކަމަށާ އޭގެތެރެއިން ބައެއް ވަޢުދުތަކަކީ ދެކެވުނު ވާހަކަތަކެއް ކަމަށާ އެ ވަޢުދުތައް ފޮތްފޮތުގައި ލިޔެވިފައިވެސް ހުރި ކަމަށެވެ.

އެމަނިކުފާނު ރައްޔިތުންނަށް ވެލެއްވި ވަޢުދުފުޅުތަކުގެ ތަފްސީލު ހާމަކުރައްވަމުން ވިދާޅުވީ މެނިފެސްޓޯގައި 289 ވަޢުދުފުޅު ހިމެނޭއިރު ރިޔާސީ ކެމްޕޭނުތެރޭގައި 1051 ވަޢުދު ހިމެނޭ ކަމަށެވެ. އަދި އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގައި 484 ވަޢުދު، އިވެންޓުތަކުގައި 305 ވަޢުދު ވެލެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ވަޢުދުތަކަކީ ރައީސް އޮފީހުގައި ވަރަށް ސިސްޓަމިކަލީ ލިސްޓު ކުރެވިގެން މޮނިޓަރ ކުރެވޭ ވަޢުދުތަކެއް. މި ކޮންމެ ވަޢުދަކާ ބެހޭ ގޮތުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި އަޕްޑޭޓްސް ނަގާ މޮނިޓަރކޮށް ކަންކަން ފެސިލިޓޭޓް ކޮށްދީ ޙާޞިލްވަމުންދާ މިންވަރު ބަލާ " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހުރިހާ މަސައްކަތެއް ބިނާވެފައި ވަނީ ވަޢުދުފުޅުތައް ފުއްދެވުމަށް ކަމަށާ ނަތީޖާ ނެރެދެވުމަށް ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރަކީ ނަތީޖާ ނެރުމަށް އެކަނި ފޯކަސްކުރާ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް