logologologologo
STO
ޚަބަރު

ފެހި ޤާާނޫނު އަސާސީ އައިފަހުން އިހުސާންވަރުގެ ޤާބިލް ހޯމް މިނިސްޓަރެއް ނުދެކެން: ނާޒިމް

ފެހި ޤާާނޫނު އަސާސީ އައިފަހުން އިހުސާންވަރުގެ ޤާބިލް ހޯމް މިނިސްޓަރެއް ނުދެކެން: ނާޒިމް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ފެބްރުއަރީ 25

ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އައު ޤާނޫނު އަސާސީ ނުވަތަ ފެހި ޤާާނޫނު އަސާސީ އައިފަހުން އިހުސާންވަރުގެ ޤާބިލް ހޯމް މިނިސްޓަރެއް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްޑީޕީގެ 12 މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާ، ދާޚިލީ ވަޒީރު ޢަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ޤާނޫނު އަސާސީގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ވަޒީރު އިހުސާންގެ މައްޗަށް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިވާ މައްސަލާގައި ނުވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރަސްމީ ޙައިސިއްޔަތުން ވަޒިރުއާ ހަވާލު ކުރެއްވި މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި އިހުމާލުވެފައިވާ އެއްވެސް ކަމެއް އެ މައްސަލައިގެ ތަފްސީލުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

ނާޒިމް ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް މަސްދުވަހުގެ ތެރޭގައި ވަޒީރު ޙާސިލްކުރައްވާފައިވާ ކަންތައްތައް ވިދާޅުވެ ދެއްވާފައިވާ ކަމަށާ ވަޒީރު އިހުސާން ވަރުގެ ޤާބިލް އަދި އިތުބާރުކުރެވޭ ދާޚިލީ ވަޒީރެއް ފެހި ޤާނޫނަށް ޢަަލުކުރަންފެށި ފަހުން ފެނިފައި ނުވާ ކަމަށެވެ.

" ޢަލީ އިހުސާނަކީ ވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން އަދި އަޅުގަނޑު މަޖިލީހަށް ހޮވުމުގެ ކުރިން އަޅުގަނޑު ނުވެސް ދަންނަ ބޭފުޅެއް، ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ފަށައިގެން ޢަލީ އިހުސާންއާ ދިމާވިފަހުން އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޢަލީ އިހުސާންއަކީ ތެދުވެރި އިޚްލާސްތެރި ޤައުމުދެކެ ލޯބިވާ ދަރިއެއް ކަމަށް." ނާޒިމްގެ ވާހަކާގައި ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޤައުމު އިސްލާޙް ކުރެއްވުމަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެއްވެސް ފަސްޖެހުމެއް ނެތި އިހުސާން ގެންދަވަނީ ކުރައްވަމުން ކަމަށާ މަޖިލީހުން މިހާރު ބަލަމުންދާ ޕޮލްކޯގެ މައްސަލައަކީ އޭގެ މިސާލެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިގޮތުން ނާޒިމް ވިދާޅުވީ ޕޮލްކޯގެ އޯޑިޓް މައްސަލަ ފެށްޓެވީ ކުރީގެ ސީޕީ ކަމަށް އެ ބޭފުޅާ ވިދާޅުވި ނަމަވެސް އެ މަސައްކަތް ފެއްޓެވީ މިހާރުގެ ވަޒީރު ޢަލީ އިހުސާން ކަން އޯޑިޓް އޮފީހުން މަޖިލީހަށް ޖަވާބުދާރީވުމަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ކޮރަޕްޝަނާ ފަސާދައިގެ ޢަމަލުތައް މޫލާފައިވާވަރުން، އެކަންތައްތައް ނައްތާލުމަށް އޮތް އެންމެ ފަހުގެ ފުރުސަތު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާ އެކަމުގައި މަޖިލީހުގެ ދައުރުއަދާ ކުރުމުގައި ދާޚިލީ ވަޒީރު ޢަލީ އިހުސާންގެ ކިބައިން އިޚްލާސްތެރިކަމާ އިތުބާރު ފެންނަމުންދާ ކަމަށެވެ.

މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެމްބަރުން، ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިހުސާނުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ ދާޚިލީ ވުޒާރާގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގައި ހުރި މައުލޫމާތުއް ބޭނުންކޮށް، އެތައް ބަޔަކަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދި ކަމުގެ ތުޙުމަތުކޮށްފައެވެ.

 



MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް