logologologologo
STO
ޚަބަރު

2028ގެ ކުރިން ކެންސަރު ހޮސްޕިޓަލް ގާއިމުކުރެވި ބައެއް ފަރުވާތައް ފަށާނެ: ވަޒީރު ޤީލާ

2028ގެ ކުރިން ކެންސަރު ހޮސްޕިޓަލް ގާއިމުކުރެވި ބައެއް ފަރުވާތައް ފަށާނެ: ވަޒީރު ޤީލާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 23

2028ގެ ކުރިން ކެންސަރު ހޮސްޕިޓަލް ގާއިމުކުރެވި ބައެއް ފަރުވާތައް ފަށާނެ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ކެންސަރ ހޮސްޕިޓަލްގައި އަސާސީ ފަރުވާއާއި ބަލި ދެނެގަނެވޭ މިންވަރަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް 2028ގެ ކުރިން ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރު މުޙައްމަދު އިބްރާހީމް ސުވާލުކުރެއްވީ ސަރުކާރުން އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފަށާނެ ދުވަހަކާ ގުޅޭގޮތުންނެވެ. ވަޒީރު ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށްދާކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ބިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ހަމަޖައްސާފައިވާކަމަށާއި މިއީ 500 އެނދުގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެއްކަމަށާ އަދި ހޮސްޕިޓަލްގައި 25 އެނދުގެ، ކެންސަރު ސްޕެޝަލިޓީ ފަރުވާގެ ފެސިލިޓީއެއް ހިމެނޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ 2025ވަނަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ޕޭޝަންޓުގެ ގޮތުގައި 67 އަންހެނުންނާއި 53 ފިރިހެނުން ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

އެކަމަނާ ވިދާޅުވީ ރާއްޖެއިން ބޭރުން މިހާތަނަށް އާސަންދަ މެދުވެރިކޮށް ކެންސަރާ ގުޅުންހުރި ކަންކަމުގައި 5755 މީހުންނަށް އެހީތެރިކަން ފޯރުވައިދީފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ މިކަމަށް 374 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗް ހިމެނޭހެން 9 އެނދު، ކެންސަރު ފަރުވާއަށް ޚާއްސަކޮށްފައިވާކަމަށެވެ. އަދި އައްޑޫ، ހދ، ޅ، ރ، އަދި ގދ އަތޮޅުގެ ހޮސްޕިޓަލްގައިވެސް ޚިދުމަތްތައް ޤާއިމުކުރާނެކަމަށެވެ.

ރާއްޖޭގައި އެންމެ ގިނަ އެއް ކެންސަރުގެ ބާވަތް ކަމަށްވާ އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމް ޓެސްޓް ހެދުމުގެ ޚިދުމަތް ރީޖަނަލް 5 ހޮސްޕިޓަލާއި ފުވައްމުލައް ސިޓީ އާއި ބ އަތޮޅު ހޮސްޕިޓަލްގައި މިހާރު ޤާއިމުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އިންޑިއާގެ 15 ހޮސްޕިޓަލާއި ލައްކާގެ 2 ހޮސްޕިޓަލުން އާސަންދަ މެދުވެރިކޮށް ޚިދުމަތްތައް ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ކެންސަރުގެ ޙާލަތު ދެނެގަތުމާއި އެކަމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭ ތަފްސީލީ މަޢުލޫމާތު އެއްކުރުމަށް، ޚާއްސަ ދިރާސާއެއް ވެސް ކުރުމަށް ނިންމަވާފައިވާކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް