logologologologo
STO
ޚަބަރު

އިލެކްޝަންގެ ކުރީގެ މެމްބަރު ޝަކީލް، އެ ކޮމިޝަނަށް ޢައްޔަނު ކުރަން މަޖިލީހުން ރުހުންދީފި

އިލެކްޝަންގެ ކުރީގެ މެމްބަރު ޝަކީލް، އެ ކޮމިޝަނަށް ޢައްޔަނު ކުރަން މަޖިލީހުން ރުހުންދީފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 23

އިލެކްޝަންސް ކޮމިޝަން، އީސީގެ ހުސްވެފައިވާ މެމްބަރުގެ މަޤާމަށް އެ ކޮމިޝަންގެ ކުރީގެ މެމްބަރު އަދި މިހާރު ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުން ޝަކީލަށް ރުހުންދީފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް އޭނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް، ރުހުން ދޭން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުގެ މަޤާމު ހުސްވީ އެކޮމިޝަންގެ ރައީސްގެ މަޤާމުންނާއި މެމްބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންވެ އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވިއެވެ.

ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުގެ މަޤާމުގެ އިތުރުން ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުގެ މަޤާމުން އިސްތިއުފާ ދެއްވީ އޭރު މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއް އޮތްކަމަށް ގަބޫލު ނުކުރެވުމުން ކަމަށާ އެފަދަ މާހައުލެއް ކުރިމަތިވެއްޖެނަމަ ދެންވެސް އިސްތިއުފާ ދެއްވާނެ ކަމަށާއި މަސައްކަތް ކުރައްވާނީ މިނިވަންކަމާއެގައި ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މައުލޫމާތު ދެއްވަމުން ޝަކީލް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނުގެ މެމްބަރަކަށް އައްޔަން ކުރައްވައިފިނަމަ މިނިވަންކަމާއެކު މަސައްކަތް ކުރައްވައި، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ކަންބޮވޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދެއްވަން މަސައްކަތް ކުރައްވާނެކަމަށް ޝަކީލް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނަކީ 5 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަޤާމު އޮތީ ހުސްކޮށެވެ. ރައީސްގެ މަޤާމުގައި ހުންނަވާނީ ކޮމިޝަނުގެ މެމްބަރުން ހަމަވުމުން އެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެކެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް