logo
logo
ހިޔާގެ ފުރަތަމަ 4 ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް އެޕްރީލް މަހު ނިމޭނެ: އެޗްޑީސީ

ހިޔާގެ ފުރަތަމަ 4 ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް އެޕްރީލް މަހު ނިމޭނެ: އެޗްޑީސީ

2025 ފެބްރުއަރީ 19
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހުޅުމާލެ ފޭސް2 ގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކަށް ލިފްޓް އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ފުރަތަމަ 4 ޓަވަރުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް އަންނަ އެޕްރީލް މަހުގެ ނިޔަލަށް ނިންމާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ 16 ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، މިހާރު ކުރަމުން ދަނީ އެޗް 1، 2 ،3، އަދި 4 ވަނަ ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެޗްޑީސީން ބުނީ ލިފްޓްގެ ފައުންޑޭޝަނާ ގުޅޭ މަސައްކަތްތައް ހުރިހާ ޓަވަރުތަކުގައި ކުރިއަށްދާކަމަށާއި، ޓަވަރުތަކުގެ ބޭސްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އޭގެތެރޭގައި ބޭސްމަންޓުގެ ލައިޓްތަކާއި ފެނާއި ކަރަންޓު ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެޗްޑީސީން ބުނެއެވެ.

މި މަސައްކަތުގެ ތެރެއިން ފުރަތަމަ 4 ޓަވަރުގައި ލިފްޓް ހަރުކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށާ މިހާރު ކުރަމުންދަނީ އެ ހަތަރު ޓަވަރުގައި ލިފްޓްގެ ސްޓީލް ސްޓްރަކްޗަރގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް 16 ޓަވަރުގައި 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް