ދިވެހިން މިދެކޭ ތަރައްޤީއާ ކުރިއެރުމުގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިން: ފަސްޓްލޭޑީ

ދިވެހި ޤައުމު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްރަށްވެހިންނަކީ، ހަމައެކަނި ޢުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ދުށުމުގެ ބަދަލުގައި އެމީހުންނަކީ، އެ މީހުންގެ ޅަދުވަހާއި ޒުވާން ޢުމުރު ދަތި ޙާލުގައި ހޭދަކުރައްވައިގެން، އަޅުގަނޑުމެންގެ މިއަދުގެ އުފަލަށްޓަކައި ޖާނާއި ފުރާނައިން ޤުރުބާންވި އިޚުލާސްތެރީންގެ ގޮތުގައި ބަލައިގަންނަން ޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި އިސްރަށްވެހިންގެ ޤުރުބާނީއަށްޓަކައި އިސްރަށްވެހިންނަށް ޙުރުމަތް އަދާކުރުމުގައި އަދުގެ ޖީލު ވަނީ ދަރަނިވެރިވެފައިކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޤައުމެއްގެ ހައިބަތު އިތުރުކުރުމަށްޓަކައި އެ ޤައުމެއްގެ އިސްރަށްވެހިން މުހިންމުކަން ފާހަގަގަކުރައްވައި، އެކަމަނާ އިލްތިމާސްކުރެއްވީ، އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށްދެއްވުމަށެވެ. މީގެއިތުރުން އެކަމަނާގެ ވާހަކަފުޅުގައި، އިސްރަށްވެހިންގެ ޢިލްމާއި ތަޖުރިބާއިން ދަރުސް ލިބިގަތުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ކިބައިން ޢިލްމީ، ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަތުމަށް އެކަމަނާ ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވަނީ އިސްރަށްވެހިންގެ ނާދީގެ ލޯގޯ އާއި ނާދީގެ މެންބަރުންގެ ކާޑުވެސް އިފްތިތާޙުކުރައްވާފައިވެއެވެ.
އިސްރަށްވެހިންގެ ނާދީ އިފްތިތާޙުކޮށްދެއްވީ، 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މާލޭގައި ހުޅުވާފައިވާ އިސްރަށްވެހިންގެ ނާދީއަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ، އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ބިނާކުރެއްވި ފުރަތަމަ މަރުކަޒެވެ.
އިތުރަށް





.gif.gif&w=828&q=100)
