logo
logo
ހުނަރުވެރިކަން ދަސްކުރުމަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސްގެ އަނބިކަނބަލުން ގޮވާލައްވައިފި

ހުނަރުވެރިކަން ދަސްކުރުމަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސްގެ އަނބިކަނބަލުން ގޮވާލައްވައިފި

2025 އޮކްޓޯބަރު 29
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމަށް މިއަދު ހުޅުވިފައި ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން، ޤާބިލު، ދިވެހި ޒުވާނުން އުފެއްދުމަށް ބާރު އަޅާ، އެ ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕޮލިޓެކްނިކުން އިންތިޒާމުކުރައްވައިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ، "ސްކިލްފެސްޓް" އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ އިންސާނާ ޚަލްޤުކުރައްވާފައިވަނީ އޭނާގެ ކިބައިގައި އެތައް ހުނަރެއް ހިމެނިގެންވާ ގޮތަށްކަމަށާ، ފަހުން ކުރަން ޖެހޭ ކަމަކީ، އެ ހުނަރުތައް ތަރައްޤީކޮށް، ފެންވަރު މަތިކުރުންކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްކުރެވެން ހުރި މަސައްކަތްތަކާއި ތަރައްޤީކުރެވެން ހުރި ހުނަރުތައް ދަސްކުރުމުގެ ފުރުސަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ފުރުސަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އުފާވެރި، އުފެއްދުންތެރި އަދި ޤަދަރުވެރި ދިރިއުޅުމަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ހުނަރުވެރި ޖީލެއް އޮތް ޤައުމެއް ކަމަށާ، ކުރީގެ ޖީލުތަކަކީ ދުނިޔެއަށް އެ ހިނދަކަށް އައި ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކާއި އެއްހަމައެއްގައި ކުރިއަށްދިޔަ ބައެއްކަމަށެވެ.

ތަފާތު އެކި ދާއިރާތަކުން ޢިލްމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތުތައް މިއަދު އިންތިހާއަށް ފަހިވެފައިވާއިރު، މަސައްކަތްތެރިކަން ދިރުވުމުގެ ޤާބިލުކަން އަށަގެންނެވުމަށް ދިވެހި ޒުވާނުން ފަސްނުޖެހޭނެކަން ޤަބޫލުފުޅުކުރައްވާކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް، އެކި ނަންނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކުން، ފާއިތުވީ ބައި ޤަރުނުގެ ތެރޭގައި ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި ދާއިރާއަށް އެކިދުވަސްވަރު ޚިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"ސްކިލްފެސްޓް" އޯޕަންޑޭ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ އެކަމަނާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. މީގެ އިތުރުން، މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ރަމްޒުކޮށްދޭ ބޯޑުގެ މަސައްކަތް ފައްޓަވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އެއަށްފަހު އެކަމަނާ ވަނީ، "ސްކިލްފެސްޓް" އޯޕަންޑޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ލިބެން ހުރި ފުރުޞަތުތައް ބައްލަލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ.

"ސްކިލްފެސްޓް" އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްވެރިންނާއި، ބޭރުގެ ޢިއްޒަތްތެރީން ބައިވެރިވެވަޑައިގަތެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް