logologologologo
STO
ޚަބަރު

ނިއޯނޭޓަލް ޚިދުމަތް ފުޅާކޮށް، އެ ދާއިރާއިން މީހުން ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ

ނިއޯނޭޓަލް ޚިދުމަތް ފުޅާކޮށް، އެ ދާއިރާއިން މީހުން ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 21

ޅަފަތުގެ ކުދިންނަށް ފަރުވާދޭ "ނިއޯނޭޓަލް" ޚިދުމަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ އިތުރުން، އެ ދާއިރާއިން ގާބިލު މީހުން ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ސިއްހީ ދާއިރާގެ މުހިންމު ފަރާތްތަކާއެކު ބޭއްވި "ނިއޯކެއަރ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ފެށިގެން އައިއިރު ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިއަދު އެ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ވަކިން ޚާއްސަކޮށް، ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކުރުމުގައި ޑޮކްޓަރުން ނިންމަވާ ނިންމެވުންތަކާއި، ނަރުހުންގެ ފަރާތުން ލިބޭ އޯގާތެރި އަޅާލުމަކީ ހާސްކަމުގެ ތެރޭގައި ތިބޭ މައިންބަފައިންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމާއި ހިތްވަރު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުފަންވާ ކުއްޖަކަށް ވިޔަސް، އެ ކުއްޖަކަށް ބޭނުންވާ ފުރިހަމަ ސިއްހީ ފަރުވާއާއި ރައްކާތެރިކަން ހަމަހަމަކަމާއެކު ލިބިދޭންޖެހޭނެކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އެކަން ހަގީގަތަކަށް ހެދޭނީ ބޭނުންވާ ޒަމާނީ އިކުއިޕްމަންޓްތަކާއި މެޑިކަލް ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، އެ ވަސީލަތްތައް ބޭނުންކުރަން ދަންނަ ތަމްރީނު ލިބިފައިވާ ސިއްހީ ޚިދުމަތްތެރިން ގާއިމުކުރެވިގެން ކަމަށެވެ.

ވަސީލަތްތަކާއެކު އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ހަމައެކަނި ޓެކްނޮލޮޖީއަކުން ފުރާނައެއް ސަލާމަތް ނުކުރެވޭނެ ކަމަށާއި، މެޝިނަކުން ހިތުގެ ވިންދު މޮނިޓަރު ކުރެވުނު ކަމުގައި ވިޔަސް، އެ ހިތުގެ ތެޅުމުން ބުނެދޭ ވާހަކަ ދެނެގަތުމަށް ބޭނުންވަނީ ތަމްރީނު ލިބިފައިވާ ގާބިލު މީހުން ކަމަށެވެ. އެހެންކަމުން، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، މަތީ ތައުލީމާއި މެންޓާޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިފަދަ ކޮންފަރެންސްތަކުގެ ޒަރީއާއިން އެކި ސިއްހީ މަރުކަޒުތަކުގެ ޚިދުމަތްތެރިން އެއްތަނަކުން ބައްދަލުވެ ތަޖުރިބާ ހިއްސާކުރުމަކީ ޤައުމީ ފެންވަރުގައި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި އުފަންވާ ކޮންމެ ތުއްތު ކުއްޖަކަށްވެސް އެންމެ ފުރިހަމަ ފަރުވާ ކަށަވަރުކޮށްދިނުމުގެ ޢަޒުމް އައުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ނިއޯނޭޓަލް ދާއިރާއަށް ޚާއްސަކޮށްގެން ނެރޭ "ނިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބުލެޓިން" ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް