logo
logo
އިހަވަންދޫގައި ޤާއިމުކުރާ މަސްފެކްޓަރީއާއެކު ބޮޑުތިލަދުންމަތީގެ މަސްވެރިކަން އިތުރު ހަރުފަތަކަށް!

އިހަވަންދޫގައި ޤާއިމުކުރާ މަސްފެކްޓަރީއާއެކު ބޮޑުތިލަދުންމަތީ މަސްވެރިކަން އިތުރު ހަރުފަތަކަށް!

2025 ޖެނުއަރީ 30
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހއ. އިހަވަންދޫގައި އަލަށް ގާއިމްކުރާ މަސްފެކްޓަރީ ނުވަތަ ފިޝަރީޒް ކޮމްޕްލެކްސްގެ ސަބަބުން އެ ސަރަހައްދުގައި މަސްވެރިން މަސްކިރަން ފެލިވަރަށް ކުރާ ދިގު ދަތުރު ނިމުމަކަށް އައިސް ތެލަަށްކުރާ ޚަރަދު ބޮޑު ތަނުން ކުޑަ ކުރެވޭނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ ހއ. އިހަވަންދޫގައި އަލަށް ޤާއިމްކުރާ މަސްފެކްޓަރީ ނުވަތަ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅިގެން ދިއުމާއި ގުޅިގެންނެވެ.

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާ މިފްކޯގެ ސީ.އީ.އޯ ޑރ. ވިތާލީއާ އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ޞަބާޙްއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ އިހަވަންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފިޝަރީޒް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް އަންނަ މެއިމަހުގެ ތެރޭގައި ފެށޭނެ ކަމަށާ އަމާޒަކީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުންކަމަށެވެ.

އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުގެ އެހީގައި." ކުރިއަށް ގެންދާ މި މަޝްރޫޢަށް 474 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅިގެންދިއުމަކީ އިހަވަންދޫއާއި އެ ރަށާ ކައިރި ރަށްރަށުގެ މަސްވެރިންގެ ބޮޑު އުންމީދެއް ޙާސިލުވުމުގެ ފެށުން ކަމަށާ އެ ފެސިލިޓީގެ ސަބަބުން އެކި ގޮތްގޮތުން މަސްވެރިންނަށް ލުއިތައް ލިބޭނެކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮފީސް އިމާރަތަކާއި އިންޖީނުގެއާއި ވެހިކަލް ވަރކްޝޮޕުގެ އިތުރުން ގުދަނެއް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 130 މީޓަރުގެ ދިގު އެއްގަމަށް މަގަތުފާލަމަކާއި 3 ޕޮއިންޓުން މަސްކިރޭ ގޮތަށް 3.5 މީޓަރުގެ ފުންމިނުގެ ބަނދަރެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި މި މަޝްރޫއު ނިމުމާއެކީ 150 ވަޒީފާ އުފެދި އެތަކެއް ފުރުސަތުތަކެއް ރަށަށް ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރި ސިނާއަތް ތަރައްޤީކޮށް ސިންދަފާތުކޮށް އަދި މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދުފުޅެވެ. މިވަގުތު މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ޕްރޮސެސްކޮށް ރައްކާ ކުރާނެ ވަސީލަތްތައް މަދުވުމެވެ. ވޭތުވެދިޔަ ދުރު މާޒީއަށް ބަލާއިރު ޕްރޮސެސިންގް ދާއިރާއަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައި ނެތްކަން ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ފާހަގަކުރައްވައިފައެވެ.

 

 

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް