އެމެރިކާގެ ގިނަ ރައްޔިތުން ބޭނުންވަނީ ކޮންމެ ޝަރުޠެއްގައި ނަމަވެސް އީރާން ހަނގުރާމަ ވަގުތުން ހުއްޓާލަން

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ، އެމެރިކާއަށް އެންމެ ފައިދާހުރި ޝަރުޠުތަކާ ނުލައި ނަމަވެސް ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ވޯޓުލާ އާބާދީގެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާކަން އައު ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފިއެވެ.
ޔުނިވަރސިޓީ އޮފް މެރީލޭންޑާއި ދިރާސާކުރާ ކުންފުނި އިޕްސޯސް (Ipsos) ގުޅިގެން ނެރުނު "ކްރިޓިކަލް އިޝޫސް ޕޯލް" ގައި ބައިވެރިވި އެމެރިކާގެ 1،022 މީހުންގެ ތެރެއިން 55 އިންސައްތަ މީހުން ބުނެފައިވަނީ "ޝަރުޠުތަކަށް ބެލުމެއް ނެތި ހަނގުރާމަ މިހާރު ހުއްޓާލަން" ތާއީދުކުރާ ކަމަށެވެ. މި ޢަދަދު ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ މެދުގައި 80 އިންސައްތައަށް އަރާއިރު، މިނިވަން ވޯޓަރުންގެ 59 އިންސައްތަ އަދި ރިޕަބްލިކަން ޕާޓީގެ 25 އިންސައްތަ މީހުންވެސް ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ތާއީދުކޮށްފައެވެ.
މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން މިހާރު ހަނގުރާމަ ކުރިއަށްދާ ގޮތަށް ކުރިއަށް ގެންދިއުމަށް ތާއީދުކުރަނީ އެންމެ 21 އިންސައްތަ މީހުންނެވެ. އަދި ހަނގުރާމަ އިތުރަށް ވަރުގަދަކުރުމަށް ތާއީދުކުރަނީ 18 އިންސައްތަ މީހުންނެވެ. މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން، އަސްކަރީ އޮޕަރޭޝަންތަކަށް ކޮންގްރެސްއިން ދޭ ފައިސާ ހުއްޓުވުމަށް ޑިމޮކްރެޓިކް ވޯޓަރުންގެ 53 އިންސައްތަ ތާއީދުކުރާއިރު، ކުރިއަށް އޮތް ބަޖެޓު މަޝްވަރާތަކުގައި ހަނގުރާމައިގެ ފައިސާ ކަނޑާލުމަށްޓަކައި ސަރުކާރު ހުއްޓުމަކަށް (ޝަޓްޑައުންއަކަށް) ދާންޖެހުނަސް އެކަމަށް ތާއީދުކުރާ ކަމަށް 51 އިންސައްތަ ޑިމޮކްރެޓުން ބުނެފައިވެއެވެ.
ހަނގުރާމަ ފެށުމަށް އެމެރިކާ ސަރުކާރުން ދެއްކި ޙުއްޖަތްތަކާމެދުވެސް ވޯޓަރުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އެގޮތުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާލުމަށް ކަމަށް ބުނެ ފެށި މި ހަނގުރާމައިގެ ސަބަބުން، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އީރާނަށް އޮތް ފުރުޞަތު ހަނިވެފައިވާ ކަމަށް ޤަބޫލުކުރަނީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 28 އިންސައްތަ މީހުންނެވެ. ހަމައެއާއެކު ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށް، އެމެރިކާއިން އެ ސަރަޙައްދު ބްލޮކޭޑް ކުރުމާ ގުޅިގެން ތެލުގެ އަގު އުފުލިފައިވާއިރު، އެ ކަނޑުއޮޅީގެ ބާރު މިހާރު އޮތީ އީރާނުގެ އަތްމަތީގައި ކަމަށް 35 އިންސައްތަ މީހުން ޤަބޫލުކުރެއެވެ. އެމެރިކާގެ ބާރު އެ ސަރަޙައްދުގައި އޮތް ކަމަށް ދެކެނީ އެންމެ 12.7 އިންސައްތަ މީހުންނެވެ.
ފަހަކަށް އައިސް ބޭއްވި މިޑްޓާމް އިންތިޚާބުގައި ހަނގުރާމައާއި ތެލުގެ އަގު އުފުލުމާމެދު އާންމުންގެ މެދުގައި އޮތް ނުރުހުމުގެ ސަބަބުން، ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު ގެއްލި ޑިމޮކްރެޓުންނަށް ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ އިސް ލީޑަރުން ކަމަށްވާ ޗަކް ޝޫމަރ އާއި ހަކީމް ޖެފްރީސް ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރެއްވި ނަމަވެސް، ޑިސެމްބަރު މަހުގެ ބަޖެޓު މަރުޙަލާގައި ހަނގުރާމައިގެ ފައިސާ ކަނޑާލުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަދި އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ޕްރޮގްރެސިވް ފަޅީގެ ސެނެޓަރުން ކަމަށްވާ ބާނީ ސޭންޑާސް އާއި ކްރިސް ވެން ހޮލެން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅުއްވަމުންނެވެ. ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރުކަމަށް ޝޫމަރއާ ވާދަކުރައްވާ ވެން ހޮލެންއަށް، ޝޫމަރއަށްވުރެ ތިން ގުނަ އިތުރު ޑިމޮކްރެޓިކް ވޯޓަރުން ތާއީދުކުރާކަންވެސް މި ސާވޭއިން ވަނީ ހާމަވެފައެވެ.
އިތުރަށް

.jpg&w=3840&q=100)



.gif.gif&w=828&q=100)