logologologologo
STO
ޚަބަރު

އޮގަސްޓް މަހު ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ މީހާ ނިޔާވި ކަމަށް ކަނޑައަޅައިފި

އޮގަސްޓް މަހު ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ މީހާ ނިޔާވި ކަމަށް ކަނޑައަޅައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 24

އޮގަސްޓް މަހު ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ މީހާ ނިޔާވި ކަމަށް ކަނޑައަޅައިފިއެވެ.

މިދިޔަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ސަޕްލައި ދޯނި ”ފްރެންޑް 4“ ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ ސިފައިންގެ މީހާ ނިޔާވި ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކުރާ ކަށުނަމާދު ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް، ގދ. ތިނަދުއަށް ނިސްބަތްވާ އިބްރާހީމް އަޙްމަދު (39 އަހަރު) އެވެ.

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިބުރާހީމް އަޙުމަދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ ނޮވެމްބަރު 27 ވާ ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު ސަލްމާނު މިސްކިތުގައެވެ.

”ފްރެންޑް 4“ ދޯނި ދިޔަވެ އަޑިއަށްދިޔަ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގައި، އެ ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން އާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުއެވެ.

ގެއްލުނު މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފުން ވަނީ މުޅި ހުވަދޫ ކަނޑު ހިމެނޭހެން ވަރަށް ފުޅާ ދާއިރާއެއްގައި ވަރުގަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގާފައެވެ.

ނަމަވެސް އެ މީހުން ފެނިފައިނުވާތީ، އެ އޮޕަރޭޝަން ހުއްޓާލާފައިވާކަން ސިފައިން ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 23 ގައި ހާމަކޮށްފައެވެ. އަދި އެމީހުންނާއިއެކު ދޯނި އަޑިއަށް ދިޔައީ އިންސާނުންނަށް ދެވޭ ވަރަށްވުރެ ފުން ސަރަހައްދަކަށް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް