logologologologo
STO
ޚަބަރު

ހއ. ދިއްދޫގައި "ނަޞްރުގެ ދުވަހުގެ ސިފައިންގެ މަޢުރަޒު" ހުޅުވައިފި

ހއ. ދިއްދޫގައި "ނަޞްރުގެ ދުވަހުގެ ސިފައިންގެ މަޢުރަޒު" ހުޅުވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 14

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މަޢުރަޒު" ހއ.ދިއްދޫގައި ހުޅުއްވައިފިއެވެ.

3 ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށް، ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި  ބޭއްވި މި މަޢުރަޒު ހުޅުއްވައިދެއްވީ ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.

ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނީ އާންމުކޮށް ހުޅުވާލައިގެން ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މަޢުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ.

މި މަޢުރަޒުން އެ ދުވަހުގެ ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެއެވެ.

މަޢުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 13އިން 14ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00އަށެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިން، އެމްއެންޑީއެފުން އަހަރަކު ދެ ފަހަރު  ލިޔެ ޝާއިޢުކުރަމުން ގެންދާ "އައްޑަނަ މަޖައްލާ"ގެ 40ވަނަ ޢަދަދު ވެސް ވަނީ ނެރެދެއްވާފައެވެ. އައްޑަނަ މަޖައްލާގެ މި ޢަދަދު ނެރެދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.

މީގެ އިތުރުން ހއ.ދިއްދޫގައި މި މަޢުރަޒު ބޭއްވުމަށް ޓަކައި ދިއްދޫ ކައުންސިލުން ވެދެއްވާ އެހީތެރިކަމުގެ އަގުވަޒަންކޮށް އެމްއެންޑީއެފުން ވަނީ އެ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މިގޮތުން ދިއްދޫ ކައުންސިލްގެ ރައީސް، އަލްފާޟިލް އުޘްމާން ރަޝީދަށް އެމްއެންޑީއެފްގެ ފަރާތުން މި ފިލާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.

މި މަޢުރަޒު ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި ހއ.ދިއްދޫގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހއ. ދިއްދޫގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ސްކޫލުގެ ދަރިވަރުން ބައިވެރިވެލެއްވިއެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، މިއަދު ހަަވީރު 16:00ގައި، ހއ.ދިއްދޫ އިސްލާމީ މަރުކަޒު ކައިރީގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީހެއިތުރުން މިއަދު ހެނދުނު 10:00އިން 12:00އަށް ދިއްދޫ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް "ނޫރައްދީން"އަށް ޒިޔާރަތްކުރެވޭ ގޮތަށް ވެސް ވަނީ އިންތިޒާމްކުރެވިފައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުވި އަބްޠާލުން ވެދެއްވި ގުރުބާނީގެ ހަނދާނާއި ޒިކުރާ އާކުރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒު ނޮވެންބަރު 20 އަދި 21ވަނަ ދުވަހު ހއ.ބާރަށުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ހއ.ބާރަށަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް