logologologologo
STO
ޚަބަރު

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހއ. ގައި ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހއ. ގައި ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 22

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ގިނަ ޙަރަކާތްތަކެއް ހއ. ދިއްދޫ އަދި ހއ.ބާރަށުގައި ކުރިޔަށް ގެންގޮސްފި އެވެ.

އެ އިދާރާއިން ބުނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ހއ. ދިއްދޫގައި ބޭއްވި ސިފައިންގެ ފޮޓޯ މައުރަޒު ނޮވެންބަރު 13 އިން 14 އަށް ބާއްވަފައި ވާއިރު، ނޮވެންބަރު 14 ވަނަ ދުވަހު ޝިޕް ވިޒިޓާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، އަދި ކުޑަކުދިންގެ ހަވީރެއް ބާއްވައިފައިވާ ކަމަށެވެ.

ދިއްދޫގެ އިތުރުން ހއ. ބާރަށުގައި، ސިފައިންގެ ފޮޓޯ މައުރަޒު ނޮވެންބަރު 20 އިން 21 އަށް ބޭއްވުމުގެ އިތުރުން، ނޮވެންބަރު 21 ވަނަ ދުވަހު ޝިޕް ވިޒިޓާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، އަދި ކުޑަކުދިންގެ ހަވީރު ބާރަށުގައި ވެސް ވަނީ ބާއްވައިފައެވެ.

ހއ. ދިއްދޫއަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. އަދި ހއ. ބާރަށަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށް ކަން ފާހަގަކުރެވެއެވެ.

އެމްއެންޑީއެފުން ބުނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މައުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށް ކަމަށެވެ.

މި މައުރަޒުން އެ ދުވަހުގެ ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން އަށް ކުރި "ޝިޕްވިޒިޓު" ގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީ، ކޯސްޓްގާޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލާފައި ވެއެވެ. އަދި ކަނޑުމަތީގެ ހާދިސާތަކުގައި އެ އުޅަނދުގައި ބޭނުންކުރާ ބައެއް އާލާތްތައް ބަލައިލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ވަނީ ދީފައެވެ. މި ޒިޔާރަތުގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީންގައި މަސައްކަތްކުރާ ސިފައިންނެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 6 (އެމްޑީޔޫ 6)ގެ މެރީންސުން ހުށަހަޅައިދިން މިލިޓަރީ ޑިސްޕްލޭއިން ދައްކައިދީފައި ވަނީ ދުސްމަނުން ނައްތާލުމަށް ޓަކައި ހޭސްޓީ އެޓޭކެއް މެރީންސުން ކުރިއަށްގެންދާގޮތެވެ.

އެގޮތުން ދުޝްމަނުން އެ ސަރަހައްދުގައި އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ޕެޓްރޯލްކުރަމުން ދަނިކޮށް، ދުސްމަނުން އިސްވެ ހަމާލާދޭން ފެށުމުން ރައްދުގައި ހަމަލާދީ ދުޝްމަނުންގެ ބަންކަރު ނައްތާލުމަށްފަހު، ދުޝްމަނުން ގާއިމްވެތިބި ގެއާ، ހަތިޔާރާއި ގޮވާތަކެތި ރައްކާކޮށްފައި ހުރި ގުދަން ގޮއްވާލައި ދުޝްމަނުން ބަލިކުރެއެވެ. މިލިޓަރީ ޑިސްޕްލޭއަށްފަހު ޢާއިލީ ހަވީރެއް ވެސް މި ދެރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޢާއިލީ ހަވީރުގައި އޮބްސްޓެކަލް ކޯހާއި، ޓަނަލް ކްރޮސިންގ، ރިވަރ ކްރޮސިންގ، މަންކީ ބަރ، ޒިގްޒެގް އަދި މައުންޓަން ކްލައިމްބްގެ އިތުރުން ސިފައިންނާ އެކު ފޮޓޯނެގުންފަދަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ހަރަކާތްތަކުގެ މަގުސަދަކީ، ސިފައިންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ނަޞްރުގެ ދުވަހުގެ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ޤައުމީ ފަޚުރާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ އިތުރުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާނާއި ޒިކުރާ އާކުރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ހއ. ދިއްދޫ އަދި ހއ. ބާރަށުގައި ބޭއްވި މި ހަރަކާތްތަކަށް އާންމުންނާއި ކުޑަކުދީންގެ ފަރާތުން ވަނީ އާދަޔާޚިލާފު ބޮޑު ތަރުހީބެއް ލިބުނުކަމަށް އެ އިދާރާއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް