ރިޕޯޓް- ސަރުކާރަށް 3 އަހަރު: އިސްލާމީ ވަޙުދަތު ކުރިއެރުވުމަށް ދިން ސަމާލުކަމަށް ކަޅިއެއް

2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހި ޤައުމިއްޔަތާއި އިސްލާމީ ވަޙުދަތު ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައި ކަނޑައަޅުއްވައިގެންނެވެ.
ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް، ޒުވާން ޚަޠީބުންނާއި ޙާފިޡުން ބިނާކުރުމާއި، ޒަކާތާއި ވަޤުފުގެ ނިޒާމު ހަރުދަނާކުރުމާއި، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތު ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ތާރީޚީ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
މި ރިޕޯޓުގައި ކުރު ގޮތަކަށް އަލިއަޅުވާލާނީ ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު ކުރިއެރުވުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކޮށްފައިވާ މުހިއްމު ބޮޑެތި މަސައްކަތްތަކުގެ މައްޗަށެވެ.
1. ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް
އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރާނެ އައު ޖީލެއް ބިނާކުރައްވާ ރާއްޖޭގެ މިސްކިތްތަކަށް ދިމާވެފައިވާ ޚަޠީބުންގެ ދަތިކަމަށް ޙައްލެއް ހޯދައި، ހުކުރު ނަމާދާއި ޢީދު ނަމާދު އިމާމުވެ ކުރުމަށް ޒުވާނުން ނެރުމުގެ ގޮތުން "ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް" ގެ ނަމުގައި ޚާއްޞަ ޤައުމީ މަޝްރޫޢެއް ވަނީ ފަށާފައެވެ.
މި މުހިއްމު މަޝްރޫޢުގެދަށުން ގްރޭޑް 10، 11 އަދި 12 ގައި ކިޔަވާ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުނު މި ޕްރޮގްރާމްގެ 5 ބުރެއް ފުރިހަމަކޮށް، 717 ޒުވާނުންނަށް ރަސްމީކޮށް ޚުޠުބާ ކިޔުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި 5 އަހަރުގެ ދައުރު ނިމޭއިރު މި އަދަދު 1،000 އަށް އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، 13 ސެޕްޓެންބަރު 2026 ގައި "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ގެ ނަމުގައި 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވި ޚާއްޞަ މަހާސިންތާއެއް ވަނީ ބާއްވާފައެވެ.
2. މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުން (79 ޢުމްރާނީ މަޝްރޫޢު)
މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް އަވަސްކޮށް، 1،500 މީހުންގެ ޖާގައިގެ މިސްކިތަކާއި (މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު)، އިސްލާމީ ކުތުބުޚާނާއަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހިމެނޭހެން ބިނާކުރި ހއ. ދިއްދޫ އިސްލާމީ މަރުކަޒު 28 ނޮވެންބަރު 2025 ގައި ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، ސަޢޫދީ ޢަރަބިއްޔާގެ އަލް-ރާޖިޙީ ކުންފުނީގެ އެހީގައި ހުޅުމާލެ ފޭސް 2 ގައި ބިނާކުރާ 10،000 މީހުންގެ ޖާގައިގެ "ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ބޮޑު މިސްކިތާއި އިސްލާމީ ޙަޟާރަތުގެ މަރުކަޒު" ގެ ބިންގާ 13 ސެޕްޓެންބަރު 2026 ގައި އަޅައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
ބ. އޭދަފުށީގައި އައު އިސްލާމީ މަރުކަޒެއްގެ ބިންގާ އަޅައި މަސައްކަތް ފަށާފައިވާއިރު، ށ. މިލަންދޫ އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ ކޮންސެޕްޓާއި ޕްލޭންތައް ފާސްކޮށް ޢަމަލީ މަސައްކަތަށް ވަނީ ތައްޔާރުވެފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރުގެ 70 އަށްވުރެ ގިނަ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުތައް ހިންގާފައިވާއިރު، 2026 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް 15 އައު މިސްކިތެއް ނިންމައި ވަނީ ހުޅުވާފައެވެ. މިހާރުވެސް 39 މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް ދާކަން ފާހަގަ ކުރެވެއެވެ.
3. ވަޤުފު ފުޅާކުރުމާއި 6 ވަޤުފު ޢިމާރާތް ބިނާކުރުން
ދީނީ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށްޓަކައި ހުޅުމާލޭގައި 12 ބުރީގެ "ދާރުއްސަލާމް" ވަޤުފު ޢިމާރާތާއި މާލޭގައި "ދާރުލްއަރުޤަމް" ވަޤުފު ޢިމާރާތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
އަތޮޅުތަކުގެ ދީނީ ކަންކަން ހަރުދަނާކުރުމަށްޓަކައި އައްޑޫ ސިޓީ (ހިތަދޫ)، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، އަދި ގއ. ވިލިނގިލީގައި ޖުމްލަ 4 ވަޤުފު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ވަޤުފު މުދާ ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި 100 މިލިއަން ރުފިޔާގެ ރައުސުލްމާލާއެކު ޤައުމީ ވަޤުފު ކުންފުންޏެއް، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް ގެ ނަމުގައި ވަނީ އުފައްދާފައެވެ.
4. ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި ޙާފިޡުން އުފެއްދުން
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ ޤައުމީ ސިޔާސަތުގެ ދަށުން، މިހާތަނަށް 30 ރަށެއްގައި މަރުކަޒުގެ ގޮފިތައް ބިނާކޮށް ވަނީ ހުޅުވާފައެވެ. މީގެ ތެރޭގައި ޏ. ފުވައްމުލައް ސިޓީގައި ބިނާކުރި ޒަމާނީ ޤުރުއާން މަރުކަޒާއި، ގއ. ވިލިނގިލި، ހއ. އުލިގަން، ލ. ގަން، އަދި ލ. މާވަށުގައި ހުޅުވުނު ގޮފިތައް ހިމެނެއެވެ.
މީގެ އިތުރުން އިތުރު 17 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ބާރަށް ކުރިއަށެވެ.
ޙާފިޡުންނަށް މަހަކު ދެމުން އައި 2،000 ރުފިޔާގެ އެލަވަންސް، 1 ޖުލައި 2025 އިން ފެށިގެން 4،000 ރުފިޔާއަށް ބޮޑުކޮށް، ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭނެ ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ފާއިތުވި 3 އަހަރު ތެރޭގައި އަލަށް ސަނަދު ހާސިލުކުރި 94 ޙާފިޡުންނާއެކު، ރާއްޖޭގައި ތިބި ޙާފިޡުންގެ ޖުމްލަ އަދަދު ވަނީ 322 އަށް އިތުރުވެފައެވެ. އަދި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ތާރީޚުގައި ފުރަތަމަ ފަހަރަށް ޚާއްޞަ ދަސްވެނިވުމުގެ ޖަލްސާ ބާއްވަން ވަނީ ފަށާފައެވެ.
ރާއްޖޭގައި ޙާފިޡުން އިތުރުވަމުން އައި ގޮތަށް ބަލާއިރު 2013 އިން 2018 އަށް ހިނގި 5 އަހަރުގެ ދައުރުގައި އިތުރުވެފައި ވަނީ 33 ޙާފިޡުންނެވެ. 2018 އިން 2023 އަށް މިއަދަދު ވަނީ 66 އަށް އިތުރުވެފައެވެ. ނަމަވެސް 2023 ން 2026 އަށް މި ހިނގާ 3 އަހަރުގެ ތެރޭގައި 94 ޙާފިޡުން އުފައްދައިފައިވާކަމީ މި ސަރުކާރުން ދީނީ ކަންކަމަށް ދޭ ޚާއްޞަ ސަމާލުކަން ހާމަވާ ކަމެއް ކަމަށް ދެކެމެވެ.
5. ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި ރެކޯޑު އާމްދަނީ
ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނު (ޤާނޫނު ނަންބަރު 27/2025) ވަނީ ވުޖޫދަށް ގެނެސްފައެވެ.
ޒަކާތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ރެކޯޑު އަދަދަކަށް ފައިސާ ލިބިފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކަނިވެސް 104 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 24 އިންސައްތައިގެ އިތުރުވުމެކެވެ.
ޒަކާތު ފަންޑުގެ އާމްދަނީ އިތުރުވުމާއެކު، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ދޭ އެހީ ބޮޑުކޮށް، ބޭސްފަރުވާއާއި މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކަށް އެތައް މިލިއަން ރުފިޔާއެއް ވަނީ ޚަރަދުކޮށްފައެވެ.
6. އިމާމުންނާއި ދީނީ ޢިލްމުވެރިން ތަމްރީނުކުރުން
ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ފެންވަރު މަތިކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާ، މެލޭޝިޔާ، ބުރުނާއީ، އަދި އިންޑޮނޭޝިޔާ ފަދަ ޤައުމުތަކަށް 100 އަށްވުރެ ގިނަ އިމާމުން ފޮނުވައި، ޢިލްމީ އަދި ތަޖުރިބާގެ ތަމްރީނުތައް ވަނީ ދީފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަންހެން މުވައްޒަފުންނާއި ދީނީ ދާއިރާގައި މަސައްކަތްކުރާ 40 އަށްވުރެ ގިނަ އަންހެނުންނަށް ސަޢޫދީ ޢަރަބިއްޔާގައި ތަމްރީނު ހޯދުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
7. ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމާއި ފަޤީރުން ޙައްޖަށް ފޮނުވުން
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ ޚަރަދުގައި ހިލޭ ޙައްޖަށް ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން، 2024، 2025 އަދި 2026 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ކޮންމެ އަހަރަކު 50 މީހުންގެ މަގުން ޖުމްލަ 150 ފަޤީރުން ވަނީ މާތްވެގެންވާ ޙައްޖުގެ އަޅުކަމަށް ފޮނުވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއެކު ބޭއްވުނު ގާތް ގުޅުމުގެ ތެރެއިން، ދިވެހި ޙައްޖާޖީންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢޫދީ އިމިގްރޭޝަންގެ ކަންކަން ނިންމޭނެ އިންތިޒާމު "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވަނީ ހަމަޖައްސާދީފައެވެ.
8. އިސްލާމީ އުއްމަތުގެ ޙައްޤުގައި ވަކާލާތުކުރުމާއި ޚާރިޖީ ސިޔާސަތު
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލުމުގެ އިތުރުން، އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ ތާރީޚީ ފިޔަވަޅު ވަނީ އަޅާފައެވެ.
ތުރުކީވިލާތާއި ޤަޠަރުގައި ދިވެހިރާއްޖޭގެ އެމްބަސީތައް ހުޅުވައި، އިސްލާމީ އުއްމަތުގެ ޤައުމުތަކާއެކު އޮތް އިޤްތިޞާދީ އަދި ސިޔާސީ ގުޅުންތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.
9. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފާހަގަކުރުމުގެ ޤައުމީ ޙަރަކާތް
ހިޖުރީ ގޮތުން ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތު (1448 ރަބީޢުލްއާޚިރު 2 / 13 ސެޕްޓެންބަރު 2026) މުޅި އަހަރަށް ބަހާލައިގެން ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން 15 އަށްވުރެ ގިނަ ބޮޑެތި ޙަރަކާތްތައް ވަނީ ރާވައި ހިންގަން ފަށާފައެވެ.
މި މުނާސަބަތާ ގުޅުވައިގެން ހުޅުމާލޭގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތާއި އިސްލާމީ ޙަޟާރަތުގެ މަރުކަޒުގެ ބިންގާ އެޅުމުގެ އިތުރުން، 900 އަހަރުގެ ތާރީޚު ރަމްޒުކޮށްދޭ ޚާއްޞަ ހަނދާނީ ބިނާއެއް މާލެ ސަރަޙައްދުގައި ޤާއިމުކުރުމާއި އިސްލާމީ ތާރީޚީ ދާރުލްއާޘާރު ގެލަރީއެއް ތަރައްޤީކުރުން ވަނީ ހިމަނާފައެވެ.
ބައިނަލްއަޤްވާމީ އިސްލާމީ ވިޔަފާރި މައުރަޒެއް (އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފެއަރ) ބޭއްވުމާއި، ޤައުމީ ޤުރުއާން ފެސްޓިވަލް، އިސްލާމީ ޚައްޠާޠީ (ކެލިގްރަފީ) ފެސްޓިވަލް، އަދި އިސްލާމީ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ އިސްލާމިކް ފިލްމު ފެސްޓިވަލެއް ބޭއްވުން ހިމެނެއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ، އަތޮޅު ފެންވަރުގައި ބާއްވާ ދީނީ ސިމްޕޯޒިއަމްތައް، ޒުވާނުންނަށް ޚާއްޞަ އިސްލާމިކް ހެރިޓޭޖް ކޭމްޕް، އަދި ޖުމްހޫރީ މައިދާން ސަރަޙައްދުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި "ކުޑަކުދިންގެ ހަވީރު" ފަދަ ޙަރަކާތްތަކުން ޅަދަރިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
10. އިސްލާމީ ވެށި
އިސްލާމީ ޝިޢާރުތައް ފާޅުކުރުމުގެ ގޮތުން، ފިޠުރު ޢީދާއި އަޟްޙާ ޢީދުގައި މާލެއާއި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ޢީދު ކުލަބޮކިން ދިއްލާލައި، އިސްލާމީ އުފާވެރިކަން މުޖުތަމަޢުގައި އާލާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ނިންމުން
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި އިސްލާމްދީން ކުރިއެރުވުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީއަށް އަމާޒުކުރެވިފައިވާ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ޒުވާން ޚަޠީބުންނާއި ޙާފިޡުން ފަދަ ޢިލްމީ ޖީލެއް ބިނާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތުން، ރާއްޖޭގެ އިސްލާމީ ސަޙްސިއްޔަތަށް ދިރުން ގެނެސްދީފައިވާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެއް ކަމުގައި ދަންނަވަންޖެހެއެވެ.
(ނޯޓް: ސަރުކާރުން އެހާ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދަމުން އަންނައިރު، މި ރިޕޯޓްގައި ހިމަނާފައިވާ ތަފާސް ހިސާބުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.)
އިތުރަށް





.gif.gif&w=828&q=100)