logologologologo
STO
ޚަބަރު

އިސްރާއީލު ޕާސްޕޯޓު ދާއިމީކޮށް މަނާކުރުމަށް އަޅާ ފިޔަވަޅުތަކަށް އިސްރާއީލު މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް!

އިސްރާއީލު ޕާސްޕޯޓު ދާއިމީކޮށް މަނާކުރުމަށް އަޅާ ފިޔަވަޅުތަކަށް އިސްރާއީލު މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 14

އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ދިވެހިރާއްޖެއަށް އެތެރެވުން ދާއިމީކޮށް އަދި އެއްވެސް ޝަރުތެއް ނެތި މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އިސްރާއީލުގެ މަޝްހޫރު ނޫސްތަކުން ވަނީ ބޮޑު ސަމާލުކަމެއް ދީ ރިޕޯޓުކޮށްފައެވެ.

އިސްރާއީލުގެ މަޝްހޫރު ނޫހެއް ކަމަށްވާ 'ދަ ޖެރޫސަލަމް ޕޯސްޓް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިން އިސްރާއީލު ޕާސްޕޯޓު މަނާކޮށްފައި އޮތީ ޣައްޒާގައި އިސްރާއީލުން ހިންގާ އުދުވާންތައް ހުއްޓާލަންދެން ނަމަވެސް، އަލަށް ހުށަހެޅި އިމިގްރޭޝަން ބިލާއެކު އެއްވެސް ހާލަތެއްގައި އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް މި މަނާކުރުން ދާއިމީ ވާނެކަން ރައީސް މުޢިއްޒު ވަނީ އިއުލާން ކުރައްވާފައެވެ.

ހަމައެކަނި ޕާސްޕޯޓު މަނާކުރުމުގެ އިތުރުން، އިސްރާއީލުގެ ވަކިވަކި ފަރުދުންނާއި ކުންފުނިތަކަށް ރާއްޖެއިން ބިން ގަތުމާއި، ރިއަލް އެސްޓޭޓް އަދި ތަރައްގީގެ މަޝްރޫއުތަކުގައި އިންވެސްޓްކުރުން މަނާކުރުމަށް ވަކި ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާކަންވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އެހެން ނޫހެއް ކަމަށްވާ 'ދަ ޓައިމްސް އޮފް އިސްރާއީލް' އިން ރިޕޯޓުކޮށްފައިވަނީ، ދެ ގައުމުގެ ރައްޔިތުކަން (ޑުއަލް ސިޓިޒަންޝިޕް) އޮންނަ އިސްރާއީލު މީހުންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް، މި ބަދަލުތަކާއެކު އެކަމަށްވެސް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެހެން ޕާސްޕޯޓެއްގައި އެފަދަ މީހުން ރާއްޖެ އެތެރެވި ނަމަވެސް، ސްކްރީން ކުރުމުގެ ތެރެއިން އެމީހުންނަށް ރާއްޖޭގައި އިންވެސްޓްކޮށް ބިން ގަތުމުގެ ފުރުސަތު ނުލިބޭނެކަން އިސްރާއީލުގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުގެ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ޣައްޒާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި އިސްރާއީލާ ދެކޮޅު ޝުއޫރުތައް އިތުރުވެފައިވާތީ، ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް އިސްރާއީލުގެ ފޮރިން މިނިސްޓްރީން އެ ގައުމުގެ ރައްޔިތުންނަށް ވަނީ ކުރިންވެސް އިންޒާރު ދީފައެވެ.

އިސްރާއީލުގެ މީޑިއާތަކުން މި ނިންމުން ސިފަކޮށްފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރުން އޮތް ސާބިތުކަން ދެއްކުމަށާއި، އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ހަރުކަށި ސިޔާސަތު އިތުރަށް ވަރުގަދަކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.

ގިނަ އިސްރާއީލު ރައްޔިތުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ، 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިސްރާއީލުގެ ފޮރިން މިނިސްޓްރީން ރާއްޖެއަށް ދަތުރު ނުކުރުމަށް އިންޒާރު ދީފައި އޮތުމާއެކު، ކުރިންވެސް ރާއްޖެއަށް އިސްރާއީލު މީހުން ދިއުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންކަމުން، މި ނިންމުން ދާއިމީ ކުރުމަކީ އިސްރާއީލުގެ އާންމުންގެ ދަތުރުފަތުރަށް މާ ބޮޑު އާ ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް އެމީހުން ސިފަކުރެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް