logologologologo
STO
ޚަބަރު

ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި ތަރައްޤީކުރަނީ

ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި ތަރައްޤީކުރަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 27

ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ޚިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އިދާރާއިން ބުނީ ސިފައިންނަކީ، ޙާލަތާއި ވަގުތާއި ތަނަށް ރިޢާޔަތްކޮށް ޢާއިލާއާ ދުރުގައި ރެއާއިދުވާލު ޤައުމީ ޚިދުމަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވުމާ އެކު، ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއަރގެ ޚިދުމަތްތައް ރަނގަޅުކޮށް ތަރައްޤީކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށެވެ.

މިގޮތުން ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްޤީކުރުމުގެ މަސައްކަތް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފުން ޚާއްޞަ އިސްކަމެއް ދީގެން މި ވަގުތު ކުރިއަށް އެބަގެންދާ ކަމަށެވެ.  

"ސިފައިން ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުޅާވެ ތަރައްޤީވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މި ޚިދުމަތާ ގުޅެމުންދާ ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދިހުށަހަޅާ ނިސްބަތް އިތުރުވުމުގެ ސަބަބުން، ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މި އަހަރުގެ ސިފައިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ." އެ އިދާރާއިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، މިކަން ކުރުމުގައި އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށް ޓަކައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

މިގޮތުން ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފްގެ ފަރާތުން ދަނީ ވަމުންނެވެ. މިގޮތުން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށް ޓަކައި ދޫކުރެވިފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ ކުރިން އެ ފަރާތްތަކަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވާގޮތުގެ މަޢުލޫމާތު ހިއްސާކޮށް، މި ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއަހައި، ޙައްލުތައް ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާ އެކު، މިހާރު ބަނޑޭރިކޮށި 1 ގައި ދިރިއުޅެމުން ދާ ފަރާތްތައް، އަލަށް ތަރައްޤީކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރާ ގޮތަށެވެ.

މި މަޝްރޫޢު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 އަންނަ އިރު ސިފައިންނަކީ ވަޞީލަތްތައް ފުރިހަމަވެފައިވާ ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދެވޭ ފެންވަރަށް ރައްޔިތުންނަށް ސިފައިން ދޭ ޚިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް