މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު 23،000 އަށްވުރެ ގިނަ ޓަނުގެ މަސް އެކްސްޕޯޓްކޮށްފި

މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް 23،000 ޓަނަށްވުރެ ގިނަ މަސް އެކްސްޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 23,554 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުގެ މާކެޓުތަކަށް ފޮނުވާފައެވެ. މީގެތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފިނިކުރި އަދި ގަނޑުކުރި ކަނޑުމަހެވެ. އެގޮތުން ފިނިކުރި އަދި ތާޒާ ކަނޑުމަހުގެ 18,237 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، މީގެތެރެއިން ކަޅުބިލަމަހުގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވަނީ 14,404 މެޓްރިކް ޓަނުގެ މަހެވެ.
ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މިންވަރަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ އަށް މަހު ދަޅުގައި ބަންދުކުރި 3,430 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. ނަމަވެސް، ޕްރޮސެސްކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ މި މުއްދަތުގައި 1,254 މެޓްރިކް ޓަނުގެ ޕްރޮސެސްޑް މަސް އެކްސްޕޯޓްކޮށްފައިވެއެވެ.
ރާއްޖޭގެ އިގުތިޞާދުގެ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ހަލުއިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)