ބޯންމައުތު އަތުން ޔުނައިޓެޑް ބަލިވެ, ކޯޗު ކެރިކަށް އޮތް ޕްރެޝަރު ބޮޑުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ތަފާތުބޮޑުކޮށް ބަލިވުމާއެކު، މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކްގެ މަގާމާމެދު ސުވާލު އުފެދި، އޭނާއަށް އޮތް ޕްރެޝަރު އިންތިހާއަށް މައްޗަށް ހިނގައްޖެއެވެ.
އޯލްޑް ޓްރެފަޑްގައި ބޭއްވުނު މި ކުރިމަތިލުމުގެ ފުރަތަމަ އެގާރައިން ކެޕްޓަން ބްރޫނޯ ފެނާންޑޭޒަށް ފުރުސަތު ނުދީ ކެރިކް އޭނާ ބެންޗުގައި ބޭއްވީ ޓެކްޓިކަލް ބަދަލެއްގެ ގޮތުން ކަމަށް ބުންޏެވެ. ނަމަވެސް، ޗެމްޕިއަންސް ލީގުގައި ކޯމޯ އަތުން ބަލިވި މެޗަށްފަހު ކެރިކްގެ ފުޓުބޯޅަ ފިކުރަށް ފެނާންޑޭޒް ފާޅުގައި ފާޑުކިޔާފައިވުމާއެކު، މި ނިންމުމުގެ ފަހަތުގައި އެހެން ސަބަބުތަކެއްވާ ކަމަށް ބެލެވެއެވެ.
މެޗުގެ ކުޅުން ފެށުނީއްސުރު ބޯންމައުތުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި ރަޔާން ޖެހި ލަނޑުން އެ ޓީމުން ލީޑު ނެގިއެވެ. އޭގެފަހުން ހާފު ނިމެން ކައިރިވެފައިވަނިކޮށް ޔުނައިޓެޑްގެ ޑިފެންޑަރު ލެނީ ޔޯރޯއަށް ހެދުނު ގޯހެއްގެ ފައިދާނަގައި މާކަސް ޓެވޭނިއާ ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އެވަނިލްސަން ޖެހި އިތުރު ލަނޑާއެކު ބޯންމައުތުން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކުގައެވެ.
މި ނަތީޖާއާ ގުޅިގެން ޔުނައިޓެޑް މިހާރު އޮތީ ކުޅުނު 8 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ. އަދި ބޯންމަތު ވަނީ 9 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ މަގާމަށް ކުރިއަށްޖެހިލާފައެވެ.
އިތުރަށް





.gif.gif&w=828&q=100)