ޓޮޓްނަމް އަތުން ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ޗެލްސީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ އަތުން ބަލިވެއްޖެއެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗަށް އެ ޓީމުން ނުކުތީ އަނިޔާގެ ސަބަބުން މުހިންމު ފޯވަޑް ޖޮއާއޯ ޕެޑްރޯއާއި އެއްވަނަ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ނުލާއެވެ. މިއާއެކު ޗެލްސީގެ ގޯލު ބަލަހައްޓާފައިވަނީ 21 އަހަރުގެ ޒުވާން ކީޕަރު މައިކް ޕެންޑާރސްއެވެ. މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސްކުރީ ޓޮޓްނަމްއިންނެވެ. ނަމަވެސް، ފުރަތަމަ ހާފުގައި ޗެލްސީގެ ކޯލް ޕާމާއާއި، ޖޯޑަން ހެންޑަސަންގެ އިތުރުން ޕެޑްރޯ ނެޓޯ ފޮނުވާލި ހަމަލާތައް ޓޮޓްނަމްގެ ކީޕަރު އެންޓޮނިން ކިންސްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ފަހު ހާފުގެ ފަހުކޮޅުއެވެ. މެޗުގެ 77 ވަނަ މިނެޓުގައި ޓޮޓްނަމްއިން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޗެލްސީގެ ކީޕަރު އަތުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑުން ޓޮޓްނަމް ވަނީ ލީޑު ނަގާފައެވެ. އޭގެ ތިން މިނެޓު ފަހުން، ޗެލްސީގެ ތަރި ކޯލް ޕާމާ ކުރި ފައުލަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ޗެލްސީއަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. ޓޮޓްނަމްގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މެތީސް ޓެލްއެވެ.
މިއީ ފާއިތުވި 36 އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގައި ޗެލްސީގެ ދަނޑުގައި ޓޮޓްނަމް މޮޅުވި ދެވަނަ ފަހަރެވެ. މި މޮޅާއެކު ޓޮޓްނަމް ވަނީ ކުޅުނު 8 މެޗުން 9 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައަށް ޖެހިލާފައެވެ. އަދި ބަލިވި ނަމަވެސް ޗެލްސީ އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައެވެ.
އިތުރަށް





.gif.gif&w=828&q=100)