ފަހަތުން އަރައި ޗެލްސީ ބަލިކޮށް އާސެނަލްއިން ސަތޭކަ އިންސައްތައިގެ ރެކޯޑް ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް އާސެނަލް ކުޅުނު ފޯރިގަދަ މެޗު، ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި 60،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި މޯގަން ރޮޖާރސް ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ކުރިއެރުން ހޯދައިދީފައެވެ. ޗެލްސީން އަވަސް ލީޑެއް ނެގި ނަމަވެސް، އާސެނަލްއިން ވަނީ ކުޅުން ރަނގަޅުކޮށް މެދުތެރެއިން މެޗު ކޮންޓްރޯލްކޮށް، ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެޗުގެ ނަތީޖާ އާސެނަލްއިން ހަމަހަމަކުރީ 25 ވަނަ މިނެޓުގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ހަވާޓްޒް މި ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ވެސް ލަނޑެއް ޖެހިއެވެ. ނަމަވެސް، އެ ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ ކޮންސާ އޮފްސައިޑްގައި ހުރުމުގެ ސަބަބުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.
އާސެނަލްއިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނެޓުގައި މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން ގޯލުންނެވެ. އާސެނަލްއިން ދެވަނަ ލަނޑު ޖެހުމުގެ ކުރިން، ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ފޮނުވާލި ބާރު ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ދިފާއުކުރިއިރު، ޕެޑްރޯ ނެޓޯ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މީގެއިތުރުން، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ބްރެޒިލްގެ އެސްޓެވާއޯ ފޮނުވާލި ހަމަލާވެސް ކީޕަރު ރާޔާ ވަނީ މަތަކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އާސެނަލްއިން ވަނީ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، 9 ޕޮއިންޓާއެކު ސަތޭކަ އިންސައްތައިގެ ރެކޯޑެއް ދަމަހައްޓާފައެވެ. މެޗުން ބަލިވި ޗެލްސީއަށް ތިން މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ.
އިތުރަށް





.gif.gif&w=828&q=100)