logologologologo
STO
ޚަބަރު

އައްޑޫގެ ޒުވާނުން ބާރުވެރިކުރުވަން އެމްއެންޔޫ ހިތަދޫ ކެމްޕަސް 2 ގެ 8 ފިހާރަ ކުއްޔަށް ދޫކުރަނީ

އައްޑޫގެ ޒުވާނުން ބާރުވެރިކުރުވަން އެމްއެންޔޫ ހިތަދޫ ކެމްޕަސް 2 ގެ 8 ފިހާރަ ކުއްޔަށް ދޫކުރަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 22

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،އެމްއެންޔޫގެ ސ. ހިތަދޫ ކެމްޕަހުގެ ކެމްޕަސް 2 ގައި ތަރައްޤީކުރި 8 ފިހާރައިގެ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް ނިންމައި، ކުއްޔަށް ހިފުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

މިއީ މުޖުތަމަޢު ބާރުވެރިކުރުވައި، ޒުވާނުން ވިޔަފާރީގެ މައިދާނަށް ނެރުމަށް އެ ޔުނިވަރސިޓީން ފަށާފައިވާ މުހިންމު އިސްނެގުމެކެވެ.

ހިތްގައިމު ޕްރައިމް ލޮކޭޝަނެއްގައި ޤާއިމުކޮށްފައިވާ މި ފިހާރަތައް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސްކޮށް، ކޮންމެ ފިހާރައެއްގައި ވެސް ފާޚާނާއެއް ހިމެނޭ ގޮތަށެވެ. މިއީ ކެމްޕަހުގެ ބިމުގެ ބޭނުން އެންމެ އެދެވޭ އަދި ފައިދާހުރި ގޮތުގައި މުޅި މުޖުތަމަޢަށް ހިއްސާކުރުމަށް އެކުލަވާލާފައިވާ އިސްތިރާޖީ މަގުޗާޓުގެ ދަށުން ޙާޞިލުކުރެވުނު އަގުހުރި ލަނޑުދަނޑިއެކެވެ.

މީގެ ކުރިން ވެސް އެމްއެންޔޫ އިން ވަނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން، ކައުންސިލްގެ ބިމެއްގައި އިންވެސްޓްކޮށް 'ސިޓީ ބާޒާރު' ޤާއިމުކޮށްފައެވެ. އެ ބާޒާރުގެ އަމާޒަކަށްވީ މުޅިން އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ހިންދެމިލުމުގެ ފުރުޞަތު ދިނުމަށް ވަރަށް ރަމްޒީ އަގެއްގައި ތަންތަން ދޫކުރުމެވެ. އޭގެ ފަހުން މިހާރު ކެމްޕަސް 2 ގައި ތަރައްޤީކުރި މި 8 ފިހާރައަކީ ސިޓީ ބާޒާރާ މުޅިން ވަކިން، އައު އުންމީދުތަކަކާ އެކު ކުރިއަށް ގެންދެވުނު މުޅިން އައު މަޝްރޫޢެކެވެ.

ސިޓީ ބާޒާރާ އަޅާބަލާއިރު މި ފިހާރަތަކުގެ ކުލި ނިސްބަތުން ބޮޑުވި ނަމަވެސް، ކުލި ކަނޑައަޅާފައިވަނީ ޢާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތްފޯރާފަށުގައެވެ. އޭގެ އިތުރުން މިއީ ތަން ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ޒަމާނާ އެއްވަރަށް ކުރިއެރުވޭނެ ހަމަޖެހޭ އޮނިގަނޑެއްގެ ތެރެއިން މުޖުތަމަޢަށް ދެވޭ އަގުހުރި އިޖްތިމާޢީ ޚިދުމަތެކެވެ. މައިގަނޑު އަމާޒަކީ ޤައުމުގެ ޒުވާން ޖީލަށް ވިޔަފާރީގެ ފުރުޞަތު ފަހިކޮށްދީ، އީޖާދީ ވިސްނުންތަކާއި އުފެއްދުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ފުދުންތެރިކަން ވަރުގަދަކުރުމެވެ.

އެމްއެންޔޫއިން ބުނީ މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްތިރާޖީ ލަނޑުދަނޑިތަކުގެ އިތުރުން، އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ޙާޞިލުކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން އަބަދުވެސް އަމާޒު ހިފަނީ އެ މުއައްސަސާގެ ވަސީލަތްތަކާއި ޢިމާރާތްތަކަކީ ރައްޔިތުންނަށް ދާއިމީ ލާބައާއި މަންފާ ލިބިދޭނެ ގޮތަށް ބޭނުންކުރެވޭ ތަންތަނަށް ހެދުމަށް ކަމަށް އެމްއެންޔޫއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް