ޞިއްޙީ ދާއިރާގެ އިތުރު ތިން ކޯހެއް ފަށަން ޤައުމީ ޔުނިވާސިޓީން ނިންމައިފި

ޞިއްޙީ ދާއިރާއާ ގުޅުންހުރި، އިތުރު ތިން ކޯހެއް ފަށަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ، އެމްއެންޔޫއިން ނިންމައިފިއެވެ.
އެމްއެންޔޫއިން ބުނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން އިތުރަށް ވަރުގަދަކޮށް، ރާއްޖެއަށް ބަދަލުވަމުންދާ ބޭނުންތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ޔުނިވަރސިޓީން މުޅިން އައު ތިން ޕްރޮގްރާމެއް ރަސްމީކޮށް އިޢުލާންކޮށްފައި ކަމަށެވެ.
އެމްއެންޔޫއިން އަލަށް އިޢުލާންކުރި ޕްރޮގްރާމްތަކަކީ:
ބެޗްލަރ އޮފް ސައިންސް އިން ޕެރާމެޑިކް ސައިންސަސް
ބެޗްލަރ އޮފް ސައިންސް އިން ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީ (އޮނާސް)
ބެޗްލަރ އޮފް އޮކިއުޕޭޝަނަލް ތެރަޕީ (އޮނާސް) ހިމެނެއެވެ.
އެ ޔުނިވާސިޓީން ބުނީ މި އިތުރުކުރެވުނު ޕްރޮގްރާމްތަކުން ރަމްޒުކޮށްދެނީ، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށާއި، ހުނަރުވެރި މާހިރުން ބިނާކުރުމަށާއި، އަދި ޤައުމީ ތަރައްޤީއަށް ޙިއްޞާވުމަށް އެ ޔުނިވާސިޓީން ބަހައްޓާ މެދުކެނޑުމެއްނެތް އަހައްމިއްޔަތުކަން ކަމަށެވެ.
އެމްއެންޔޫއިން ބުނީ މިވަގުތު ދިވެހިރާއްޖެއަށް ވަނީ ސްޕީޗް-ލޭންގުއޭޖް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، އަދި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިންދޭ ކުއްލި ފަރުވާގެ ޚިދުމަތްތަކުގެ ދާއިރާއިން ފާސްވެފައިވާ ތަޖުރިބާކާރުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ކަމަށާ މި ޕްރޮގްރާމްތަކުގެ އެހީގައި، މުޅި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެ، އެ ޚިދުމަތްތައް ކުރިއަރުވާނެ ހުނަރުވެރި މަސައްކަތްތެރިން ބިނާކޮށް، މި ދެންނެވުނު ހުސްކަން ފުރާލެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
"މި އިސްނެގުމަކީ ހަމައެކަނި އައު އެކަޑެމިކް ޕްރޮގްރާމްތަކެއް ތަޢާރަފުކުރުމެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ މުސްތަޤްބަލު ބައްޓަންކުރުމެވެ. ޤައުމީ ފެންވަރުގައި އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން ޚާއްޞަ ތަޢުލީމު ހާސިލުކުރާނެ މަގުތައް ތަނަވަސްކޮށްދީގެން، އަޅުގަނޑުމެން މި އިންވެސްޓްކުރަނީ އަޅުގަނޑުމެންގެ ރައްޔިތުންނަށެވެ. އަދި އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ވަރުގަދަކޮށް، އިންސާނުންގެ ދިރިއުޅުން ބަދަލުކޮށްދޭނެ އަދި ޤައުމީ ތަރައްޤީއަށް މާނަވީ ގޮތެއްގައި ޙިއްޞާވާނެ ހުނަރުވެރި މާހިރުންގެ ޖީލެއް މި ބިނާކުރަނީއެވެ." މިކަމާއި ގުޅިގެން އެމްއެންޔޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވިއެވެ
މި ތިން ޕްރޮގްރާމަކީވެސް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.
މި ޕްރޮގްރާމްތައް ތަޢާރަފުކުރުން ވެގެންދަނީ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކާ އެއްގޮތްވާ، އަދި ޤައުމުގެ ތަރައްޤީއަށް އެންމެ މުހިންމު ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ، އިސްކަންދޭ ކަންތައްތައް ރަމްޒުކޮށްދޭ ކަމަކަށް ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)