ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި އެންއޭޓީ ބްލަޑް ސްކްރީނިންގެ ޚިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި އެންއޭޓީ ބްލަޑް ސްކްރީނިންގެ ޚިދުމަތް ފަށައިފިއެވެ.
މޯލްޑިވްސް ބްލަޑް ސާވިސްގައި ލޭ ދެވޭ ފަރާތްތަކުގެ ލޭ ޓެސްޓުކުރުމަށް ނިއުކްލިކް އެސިޑް ޓެސްޓިންގ (NAT) ގެ ޚިދުމަތް ތަޢާރަފުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ޞިއްޙީ ތަޞައްވުރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމެކެވެ.
މިއީ ދިވެހިރާއްޖެ ޞިއްޙީ ދާއިރާއިން ހާޞިލްކުރި ބޮޑު ކާމިޔާބީއެއްކަން ފާހަގަ ކުރެވެއެވެ.
މިއީ ރާއްޖޭގައި ލޭ ސްކްރީންކުރުމުގެ ޤާބިލުކަން އިތުރުކޮށް، ލޭ އަޅައިދިނުމުގެ ރައްކާތެރިކަން މަތީ ދަރަޖައަކަށް މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
އެންއޭޓީ ޓެކްނޮލޮޖީ ތަޢާރަފުކުރުމާއެކު، އެޗްއައިވީ، ހެޕަޓައިޓިސް ބީ، އަދި ހެޕަޓައިޓިސް ސީ ގެ ޖެނެޓިކް މެޓީރިއަލް ކުރީކޮޅު ދެނެގަތުމުގެ ފުރުޞަތު ލިބި، ޤައުމީ ފެންވަރުގައި ލޭ ސްކްރީންކުރުމުގެ ނިޒާމު ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެއެވެ.
ކުރިން ބޭނުންކުރަމުން އައި އާދައިގެ ސްކްރީނިންގ ވަސީލަތްތަކާ އަޅާބަލާއިރު، އެންއޭޓީ ޓެސްޓުން ބަލި ދެނެގަންނަން ނަގާ "ވިންޑޯ ޕީރިއަޑް" ވަރަށް ބޮޑަށް ކުރުކޮށްދެއެވެ. މީގެ ސަބަބުން ލޭގެ ޒަރީޢާއިން ބަލިފެތުރުމުގެ ފުރުޞަތު ކުޑަވެ، ބަލިމީހުންނަށް ފޯރުކޮށްދެވޭ ލޭގެ ރައްކާތެރިކަން ކަށަވަރުވެގެންދެއެވެ.
ލޭގެ ރައްކާތެރިކަން އިތުރުކުރުމަކީ، ޤަވާއިދުން ލޭ އަޅަންޖެހޭ ބަލިމީހުންނަށް އިސްކަންދީގެން މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމެކެވެ. މިއީ ރާއްޖޭގައި ތެލަސީމިއާ ހުންނަ ސައްތަގުނަ މީހުންނަށް، މުޅި ޢުމުރަށް ޤަވާއިދުން ލޭ އަޅަންޖެހޭތީ، އެފަރާތްތަކަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެކެވެ. އެންއޭޓީގެ ޚިދުމަތާއެކު ބަލިމީހުންނަށް ލިބޭ ކޮންމެ ލޭ ކޮތަޅެއްގެ ރައްކާތެރިކަމާއި އިތުބާރު ބޮޑުވެ، ލޭ ދިނުމުގެ ޤައުމީ ނިޒާމަށް އާންމުންގެ އިތުބާރު އިތުރުވެގެންދާނެއެވެ.
މި އާ ސްކްރީނިންގ ޓެކްނޮލޮޖީގެ ސަބަބުން ރާއްޖޭގެ "ނޭޝަނަލް ތެލަސީމިއާ މާސްޓަރ ޕްލޭން 2024-2034" ގެ މަޤްޞަދުތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ލޭ އަޅައިދިނުމުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި، ބަލިމީހުންނަށް ދެވޭ އަޅާލުން އިތުރުކުރުމާއި، މުޅި ރާއްޖޭގައި ލޭގެ ރައްކާތެރިކަމުގެ މިންގަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުން ހިމެނެއެވެ.
ތެލަސީމިއާ އިންޓަރނޭޝަނަލް ފެޑެރޭޝަން (ޓީއައިއެފް) އިން ވަނީ މި ކާމިޔާބީއަށް މަރުޙަބާ ކިޔައި، މިއީ ރާއްޖޭގެ ލޭ އަޅައިދިނުމުގެ ޚިދުމަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ފެޑެރޭޝަނުން ވަނީ މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީއަށާއި، ޞިއްޙީ ދާއިރާގެ މާހިރުންނަށާއި، ސިޔާސަތު އެކުލަވާލައްވާ ފަރާތްތަކަށާއި، ޓެކްނިކަލް ޓީމުތަކަށާއި، އަދި ހިލޭސާބަހަށް ލޭދޭ ފަރާތްތަކުން މިކަން ޙަޤީޤަތަކަށް ހެދުމަށް ކުރި ގުޅިފައިވާ މަސައްކަތްތަކަށް މަރުޙަބާ ކިޔާފައެވެ.
އެންއޭޓީ ތަޢާރަފުކުރުމާއެކު ރާއްޖެ ހިމެނިގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެވިފައިވާ ލޭ ސްކްރީންކުރުމުގެ މިންގަނޑުތައް ބޭނުންކުރާ ޤައުމުތަކުގެ ތެރޭގައެވެ. މިއީ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ރައްޔިތުންނަށް ރައްކާތެރި، ކުރިއަރާފައިވާ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ ފުޅާ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.

.gif.gif&w=828&q=100)

