logologologologo
STO
ޚަބަރު

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ލިބޭ ތާރީހީ ފުރުސަތެއް: އެމް.ބީ.ސީ

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ލިބޭ ތާރީހީ ފުރުސަތެއް: އެމް.ބީ.ސީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 20

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ރަސްމާލެ ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި މުޅިން އައު ހަރުފަތަކަށް ގެންގޮސް، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އަދި އަންނަން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ދެމެހެއްޓެނިވި ތަނަވަސްކަން ކަށަވަރުކޮށްދޭނެ މުހިންމު ބިންގަލެއް ކަމުގައި މޯލްޑިވްސް ބިޒްނަސް ޗޭމްބަރ (އެމް.ބީ.ސީ) އިން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ފަށްޓަވާފައިވާ މި ބިޔަ މަޝްރޫއަކީ ގާތްގަނޑަކަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓެކެވެ.

އެމް.ބީ.ސީ އިން ފާހަގަކުރާ ގޮތުގައި، މިއީ ރާއްޖޭގެ އިގްތިސާދު ވަކި ދާއިރާތަކަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާމްދަނީ ލިބޭނެ ދާއިރާތައް ސިންދަފާތުކޮށް ފުޅާކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިވެހި ވިޔަފާރިތަކަށް މި މަޝްރޫއުން ލިބޭނެ މަންފާތަކަށް އަލިއަޅުއްވާލަމުން އެމް.ބީ.ސީ އިން ފާހަގަކުރީ، މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވައި، ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އެގޮތުން އިމާރާތްކުރުމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ލޮޖިސްޓިކްސް، ރީޓެއިލް، ޓެކްނޮލޮޖީ އަދި ފަންނީ އެކިއެކި ހިދުމަތްތަކުގެ ދާއިރާއިން ވިޔަފާރީގެ އައު މާރކެޓްތަކެއް ތައާރުފުވެގެންދާނެކަމަށް އެމް.ބީ.ސީއިން ބުންޏެވެ.

އެ ޖަމިއްޔާއިން އިތުރަށް ބަޔާންކުރި ގޮތުގައި، ރަސްމާލެ މަޝްރޫއުގެ ހަގީގީ ކާމިޔާބީ ގުޅިފައިވަނީ ދިވެހި ރައްޔިތުންނަށް ފަހިވާ ވަޒީފާތަކާއި، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމާއި، ޒުވާނުންގެ ހުނަރުވެރިކަން ތަރައްގީވުމުގެ އިތުރުން މުޅި ގައުމަށް ލިބޭ ދެމެހެއްޓެނިވި ތަނަވަސްކަމުގެ މައްޗަށެވެ. އެހެންކަމުން، ސަޕްލައި ކުރުމާއި، ސަބް-ކޮންޓްރެކްޓް އުސޫލުން މަސައްކަތްތައް ހަވާލުކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި އަދި އިންވެސްޓްމަންޓްގެ އެކި ދާއިރާތަކުން ދިވެހި ވިޔަފާރިތަކުގެ ބައިވެރިވުން ފުރިހަމައަށް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ހަމަހަމަ އަދި ދެފުށްފެންނަ، ވާދަވެރި މާހައުލެއްގައި ދިވެހި ވިޔަފާރިތަކަށް މި މަޝްރޫއުގައި ޝާމިލުވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ، މަޝްރޫއުން ލިބޭ އިގްތިސާދީ މަންފާ ގައުމުގެ އެތެރޭގައި ހިފެހެއްޓުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައިވެސް އެމް.ބީ.ސީ އިން ދެކެއެވެ.

ނިންމާލަމުން އެމް.ބީ.ސީ އިން ހާމަކުރި ގޮތުގައި، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ދައުލަތުގެ އާމްދަނީ ފުޅާކުރުމަށާއި، ބޯހިޔާވަހިކަމާއި ޒަމާނީ އުމްރާނީ ވަސީލަތްތައް އިތުރުކުރުމުގެ އިތުރުން، ކުރިމަގުގެ ޖީލުތަކަށް ދެމެހެއްޓެނިވި އަދި ވާދަވެރި ވިޔަފާރި މާހައުލެއް ބިނާކުރުމަށް އެޅޭ ވަރަށް އުއްމީދީ އަދި ބިނާކުރަނިވި ފިޔަވަޅެކެވެ.

އިބްތިދާއީ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން 30 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ސީދާ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެއިތުރުން، 54،000 އަށްވުރެ ގިނަ އައު ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ލަފާކުރެވޭއިރު، މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމުން، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް އަހަރަކު 2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ގައުމަށް ލިބިގެންދާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް