"އުރީދޫ މަސްޖިދުނާ": މިސްކިތްތައް މަރާމާތުކުރަން އުރީދޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް ތަރައްގީކުރުމަށްޓަކައި އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްގެ ދަށުން ޚާއްޞަ ފަހުމުނާމާއެއް (އެމް.އޯ.ޔޫ) ގައި ސޮއިކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު ޝާދީ ޤަވާސްމީއެވެ.
މި ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތުކޮށް، ވަސީލަތްތައް ތަރައްގީކުރުމަށް އުރީދޫއިން ވަނީ އަމާޒުހިފާފައެވެ. އަދި މި މަސައްކަތްތައް ކޮންމެ އަހަރެއްގެވެސް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ނިންމައި، ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް އިސްކަންދެވޭނެއެވެ.
އުރީދޫގެ އިޖުތިމާއީ ޒިންމާ (ސީ.އެސް.އާރު) ގެ ދަށުން ފެށި މި މަޝްރޫއަކީ ރާއްޖޭގައި ދީނީ އަދި އިޖުތިމާއީގޮތުން މުހިންމު ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެހީތެރިވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރެވޭ ދެމެހެއްޓެނިވި މުހިންމު މަސައްކަތެއްކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
އިތުރަށް




.gif.gif&w=828&q=100)