logologologologo
STO
ޚަބަރު

ދިވެހީންގެ އިސްލާމްދީން ޙިމާޔަތްކުރަން މި ސަރުކާރުން ކުރީ ކޮންކަމެއް

ދިވެހީންގެ އިސްލާމްދީން ޙިމާޔަތްކުރަން މި ސަރުކާރުން ކުރީ ކޮންކަމެއް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 13

ރާއްޖެ އިސްލާމްވިތާ 900 އަހަރުން ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީން ޙިމާޔަތްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވައިފިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖެ ނުވަސަތޭކަ އަހަރު ވަންދެން، އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތީ ވަރަށް ގިނަ ސަބަބުތަކާއިހުރެ ކަމަށާއި ފުރަތަމަ ކަމަކީ މާތްﷲގެ ފަޟުލުވަންތަކަން ކަމަށެވެ.

ދުނިޔެވީ ސަބަބުތަކަށް ބަލާއިރު، އެންމެ ފުރަތަމަ ސަބަބަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް އޮތް ލޯތްބާއި މަތިވެރިި ޤަދަރު ކަމަށާއި ދެވަނަ ސަބަބަކީ ވޭތުވެދިޔަ 900 އަހަރުގެ ތެރޭގައި ދިވެހި ދަޢުލަތުން އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި ގެންގުޅު ހަރުދަނާ ސިޔާސަތުތައް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ދީނީ ގޮތުންނާއި މިނިވަންކަމުގެ ގޮތުން މި ޤައުމަށް ގޮންޖެހުން ކުރިމަތިވާ ކޮންމެ ހިނދެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކުރުވަނީ މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގެ މަތިވެރި އަޤީދާގައި ހިފަހައްޓައިގެން ތިބެ، ދިވެހި ޤައުމު އަނބުރާ އިސްލާމްދީނުގެ ހިދާޔަތުގެ ތެރެއިން ގެންނަނީ ލޮބުވެތި ރައްޔިތުން. ރައްޔިތުންގެ ވަރުގަދަ ޖިހާދުން." ވަޒީރު ވިދާޅުވިއެވެ.

އިސްލާމްދީން ޙިމާޔަތްކުރުމަށް މި ސަރުކާރުން ކޮށްފައިވާ ކަންކަމުގެތެރެއިން ފާހަގަ ކުރެވޭ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ މާޒީވި ތާރީޚުގައި ޒަކާތާއި ބެހޭ ޤާނޫނެއްގެ ތެރެއިން ޒަކާތުގެ ކަންކަން އިންތިޒާމު ކުރެވިފައި ނެތް ކަމަށާއި އަދި ޒަކާތަށް ޤާނޫނެއްގެ ތެރެއިން ވަކި އިދާރާއެއް ޤާއިމުކުރެވިފައި ނެތް ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިކަން ބަޔާން ކުރެވި، އެމަނިކުފާނުގެ ވެރިކަމުގައި އެކަމަށް ޢަމަލީ ސިފަ ގެނެވި، ޒަކާތަށް ވަކި ޚާއްސަ އިދާރާއެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވިގެން ދިޔަ ކަމަށާއި ޒަކާތް އިންތިޒާމުކުރުމަށް ވަކި ޤާނޫނެއް އެކުލަވާލެވި އެކަން ޢަމަލުކުރެވެމުން ދާއިރު، ނަތީޖާއަކީ ޒަކާތުގެ ނިޒާމަށް އޮތް އިތުބާރު ބޮޑުވެ، އޭގެ ނަފާ ދިވެހި ޤައުމަށް ލިބިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މޯލްޑިވްސް ޒަކާތުގެ ހައުސްގެ ނަމުގައި އިދާރާއެއް އުފެދިގެން ދިޔައީ 2024 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ 6 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޒަކާތުގެ ޚާއްސަ ސްކޮލަރޝިޕް، 2026 ވަނަ އަހަރުން ފެށިގެން ދޭން ފަށާފައިވާ ކަމަށާއި އޭގެ ނަތީޖާއަކީ އިސްލާމީ އިދާރާތަކާއި، އިސްލާމީ މުއައްސަސާތަކާއި، އިސްލާމީ ޔުނިވާސިޓީތަކާއި، މާލީ އިދާރާތަކާއި، އިސްލާމީ ގޮތުން  ޤައުމަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ޒުވާނުން ތަމްރީނުކުރުމަށް ތަނަވަސްކަން ލިބިގެން ދިއުން ކަމަށެވެ.

"ދިވެހިރާއްޖޭގެ ތާރީޚުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑެތި ވަޤްފު މަޝްރޫޢުތައް މިވަގުތު ރާއްޖޭގައި ކުރިއަށް އެބަދޭ. ޢަމަލީ ގޮތުން މަސައްކަތް އެވަނީ ފެށިފައި. ދާރުއްސަލާމް ބިލްޑިންގ، ދާރުލްއަރުޤަމް ބިލްޑިންގ، ކުޅުދުއްފުށި ވަޤްފު މަޝްރޫޢު، ތިނަދޫ ސިޓީ ވަޤްފު މަޝްރޫޢު، ގއ. ވިލިނގިލި ވަޤްފު މަޝްރޫޢު އަދި އައްޑޫ ސިޓީ ވަޤްފު މަޝްރޫޢު ހިމެނޭހެން އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއުތައް ނިންމުން." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޙާފިޡުން އުފެދިފައިވަނީ މި ވެރިކަމުގައި ކަމަށާއި ރާއްޖޭގައި މިހާރު 322 ޙާފިޡުން އެބަތިބި ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މި އަދަދު 500 އަށް އެރުވޭތޯ މަސައްކަތް ކުރުން ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީވެސް ފާހަގަ ކުރެވޭ މުހިންމު މަޝްރޫޢެކެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި ހުކުރުކުރާނެ ޚަޠީބުން ނެތް މައްސަލައަކީ ޒަމާނުއްސުރެ އޮތް މައްސަލައެކެވެ. މި ސަރުކާރުން ފެށި ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބި މިހާތަނަށް 700 އަށްވުރެ ގިނަ ޚަޠީބުން ވަނީ ޚިދުމަތަށް ނެރެފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މި އަދަދު 1000އަށް އިތުރުކުރުން ކަމަށް ވަޒީރު ކުރިން ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށް ދާ ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިކަންކަން ބަޔާންކުރެވިފައިވާއިރު، މިއަދު އެ މަސައްކަތް ވަނީ އައު ހަރުފަތަކަށް ގެންދަވާފައި ކަމަށެވެ.

"ޙާފިޡުންގެ އެލަވަންސް ވަނީ ބޮޑުކޮށްދެއްވާފައި. މިވަގުތުވެސް 30 ރަށެއްގައި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ވަނީ ޤާއިމްކުރެވިފައި. 20 ތަނެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. 58 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ އަދި 30 އަށްވުރެ ގިނަ ތަންތަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމެނިފައި." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ބިިނާ ކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރާއްޖެ އިސްލާމްވި ދުވަހު (މިއަދު) އެޅިގެންދާނެ ކަމަށާއި ރައީސުލްޖުމުހޫރިއްޔާއާއި މަޝްވަރާ ކުރެއްވުމަށްފަހުގައި އެ މިސްކިތަށް ނަންދެވިފައި މިވަނީ ރާއްޖެ އެރަދުންނަށްޓަކައި ފަޚުރުވެރިވާ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށް ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، ސިޔާސީ ގޮތުން އެކި ޕާޓީތަކާއި، އެކި ޖަމާޢަތްތަކަށް ބެހިފައިވީ ނަމަވެސް، ދީނުގެ ކަންތައްތަކުގައްޔާއި ޤައުމުގެ މިނިވަންކަމާއި ގުޅޭ ކަންތައްތަކުގައި އަޅުގަނޑުމެން ވާންޖެހޭނީ އެއްބައިވަންތަ، އެއްބައެއްވަންތަ އަދި އަޚުވަންތަ ބަޔަކަށް ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް