ނެތް އިމާރާތެއް ތަޅާލުމުގެ ނަމުގައި 3 މިލިއަނެއްހާ ރުފިޔާ ދޫކުރިކަން ހާމަވެއްޖެ

ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ގެ ބެއްލެވުމުގެ ދަށުން ކ. މާފުށީ ޖަލުގައި ހައި-ސެކިއުރިޓީ ވިންގެއް އެޅުމުގެ މަޝްރޫޢުގެ ތެރެއިން، ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލުމުގެ ނަމުގައި 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާފުށީ ޖަލުގައި 50 ގޮޅީގެ ހައި-ސެކިއުރިޓީ ވިންގަކާއި 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ނިންމުމުގެ ބަހަނާގައި، ބިޑް ކުރުމަކާ ނުލައި 45 މިލިއަން ރުފިޔާއަށް ހަވާލުކުރީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއެވެ. ނަމަވެސް، ޕޮލްކޯއިން ވެސް އެއްވެސް ބިޑުކުރުމެއް ނެތި މި މަޝްރޫޢު ވަނީ "ވީ އަވާ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ސަބް-ކޮންޓްރެކްޓް ކޮށްފައެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، 50 ގޮޅީގެ މަސައްކަތް ކުރާ ސަރަޙައްދުގައި ހުރިކަމަށް ބުނާ އިމާރާތެއް ތަޅާލައި އެ ތަން ސާފުކުރުމަށް ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިޔޫ) ގައި ދެ މިލިއަން ނުވަ ސަތޭކަ ވިހި ހާސް އަށްޑިހަ ދެ ރުފިޔާ ހިމަނައި، އެ ފައިސާ މިނިސްޓްރީން ޕޮލްކޯއަށް ދޫކޮށްފައިވާ މައްސަލައެވެ.
ނަމަވެސް، މި މަސައްކަތް ޕޮލްކޯއާ ހަވާލުކުރުމުގެ ކުރިން (20 ޖަނަވަރީ 2022 ގައި) ގޫގުލް އާރތް މެދުވެރިކޮށް ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެ ސަރަޙައްދުގައި އެއްވެސް އިމާރާތެއް ނެތްކަން އެނގެން އޮތް ކަމަށް ރިޕޯޓުގައިވެއެވެ. އެހެންކަމުން މިއީ ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން ބުނެ، ނުކުރާ މަސައްކަތަކަށް ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާއެއް ކަމަށް އޮޑިޓުން ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް، މަސައްކަތުގެ ކުރެހުމާއި ބީއޯކިޔޫގައި ހިމަނާފައިވާ ތަކެތީގެ އަގުތަކާއި ސައިޒުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ވެސް އޮޑިޓުން ވަނީ ހޯދައިފައެވެ. މިގޮތުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި:
ލީން ކޮންކްރީޓް އެޅުން: 18 ގޮޅީގެ މަސައްކަތުގައި ލީން ކޮންކްރީޓް ކޮޑިމީޓަރަކަށް 8,500 ރުފިޔާ ޖަހާފައިވާއިރު، 50 ގޮޅީގެ މަސައްކަތުގައި ކޮޑިމީޓަރަކަށް 14,000 ރުފިޔާ ޖަހައިގެން، 238,804 ރުފިޔާ އިތުރަށް ހިމަނާފައިވުން.
ކޮލަމް ކޮންކްރީޓް (200x200): 18 ގޮޅީގެ މަސައްކަތުގައި ކޮޑިމީޓަރަކަށް 13,000 ރުފިޔާ އަދި 50 ގޮޅީގެ މަސައްކަތުގައި ކޮޑިމީޓަރަކަށް 20,904 ރުފިޔާ ހިމަނާފައިވުން. މިއީ ހަމައެކަނި ދަގަނޑުގެ ސައިޒުގައި ހުރި ކުޑަ ތަފާތަކަށް ބަލާއިރު އިންތިހާއަށް ބޮޑު އަގެކެވެ.
ފައުންޑޭޝަން އަދި ކޮނުމުގެ ޚަރަދު: ތަނބުގެ ބުޑު ފައުންޑޭޝަންގެ ސައިޒު ކުރެހުމުގައި ހުރި މިންވަރަށް ވުރެ ބީ.އޯ.ކިޔޫގައި ބޮޑުކޮށް ލިޔެގެން 97,258 ރުފިޔާ އިތުރުކޮށްފައިވުމާއި، މި ސަބަބާ ހުރެ ކޮނުމުގެ އަގަށް 46,947 ރުފިޔާ އިތުރަށް ހިމަނާފައިވުން ހިމެނެއެވެ.
ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 10.28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔޫ އަދި އަންދާޒާ އަގު ފަދަ އެންމެހައި ތަފުސީލުތައް ލިޔުމުން ފުރިހަމައަށް އެނގެން އޮންނަންވާނެއެވެ. ނަމަވެސް، މާފުށީ ޖަލުގެ މި މަޝްރޫޢުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ބޮޑެތި އަދަދުތަކުން ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޢަދާލަތު ޕާޓީގެ އޭރުގެ ރައީސް ޢީމްރާނު ޢަބްދުﷲ ދާޚިލީ ވަޒީރުކަން ކޮށްފައި ވަނީ ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2018 އިން 2023 އަށެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)