logologologologo
STO
ޚަބަރު

އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް އެހީތެރިކަން ހޯދުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި

އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް އެހީތެރިކަން ހޯދުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 08

އަމިއްލަ ސިއްހަތަށް އިސްކަންދީ، އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭ ފަދަ އެއްވެސް އަލާމާތެއް ހަށިގަނޑުން ފެންނަނަމަ، ލަސްނުކޮށް ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ މަހާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ކެންސަރަށް ދެވޭ އެންމެ ފުރަތަމަ ފަރުވާއަކީ އެ ކަމަށް ހޭލުންތެރިވުން ކަމަށާއި، ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވެ، އެކަމާ މެދު ސުވާލު އުފައްދައި ޖަވާބު ހޯދަން ހިއްވަރުކުރުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. އަދި ދުރާލައި ބަލި ދެނެގަނެވިއްޖެނަމަ އަވަހަށް ފަރުވާ ފެށި، ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑުތަނުން އިތުރުވެގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"މިއަދު މިވާހަކަ އަޑުއަހާ ކޮންމެ އަންހެނަކަށް ބުނެލަން ބޭނުންވަނީ އަމިއްލަ ސިއްހަތާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ލަސްނުކުރައްވާށޭ. އަމިއްލަ ސިއްހަތަށް އިސްކަންދެއްވާ. ފުރަތަމަ ފިޔަވަޅު އަޅައި، ސިއްހީ ބޭފުޅެއްގެ އެހީތެރިކަން ހޯއްދަވާ. އެ ވެދާނެ އެއީ އަމިއްލަ ނަފުސަށްޓަކައި އަދި ލޯބިވާ މީހުންނަށްޓަކައި ނިންމާ އެންމެ މުހިންމު ނިންމުމަށް،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މީގެއިތުރުން، ބަލި ދެނެގަތުމަށް ބޭނުންވާ މެމޮގްރަފީ، އަލްޓްރަސައުންޑް، ބަޔޮޕްސީ އަދި ޕެތޮލޮޖީ ފަދަ ޚިދުމަތްތަކުގެ ކޮލިޓީ ހިފެހެއްޓުމާއި، އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ފަދަ ޒަމާނީ ޓެކްނޮލޮޖީއަށް ކުރެވޭ ހޭދަ އިތުރުކުރަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ޖޮގްރަފީ ގޮތުން ވަކިވެފައި އޮތް ނަމަވެސް، އެކަން ގޮންޖެހުމަކަށް ނުހަދައި ރަށްރަށުގައި ފަރުވާގެ ނިޒާމު ފުޅާކުރުމަށާއި، ގަވާއިދުން ޗެކަޕް ހެދުމަށް އާއިލާތަކުންނާއި މުޖުތަމައުން ބާރުއެޅުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް