logologologologo
STO
ކުޅިވަރު

ފީފާގެ ރައީސް މަގާމުން ދުރުކުރުމުގެ ރޭވުންތައް ފަށައިފި

ފީފާގެ ރައީސް މަގާމުން ދުރުކުރުމުގެ ރޭވުންތައް ފަށައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 08

ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) ގެ ރައީސްކަމުގެ މަގާމުން ޖިއާނީ އިންފަންޓީނޯ ދުރުކުރުމަށާއި، ކުރިއަށް އޮތް އިންތިޚާބުގައި އޭނާއާ ވާދަކުރާނެ ކެންޑިޑޭޓަކު ނެރުމުގެ ސިޔާސަތުތައް އެކުލަވާލުމަށް ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) ގެ އިސްވެރިން ބައްދަލުކުރައްވަން ފައްޓަވައިފިއެވެ. ޖަރުމަނުގެ ބާލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާގެ 55 މެމްބަރު ގައުމުގެ ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ފީފާގެ ހިންގުން ހަރުދަނާކުރުމާ ބެހޭގޮތުންނެވެ.

އިންފަންޓީނޯއާ މެދު ޔޫއެފާގެ ހިތްހަމަނުޖެހުން ބޮޑުވެގެންދިޔައީ، މި އަހަރުގެ ޖުލައި މާސާގައި ވޯލްޑް ކަޕުގެ އަމިއްލަ އިންވެސްޓްމަންޓް ޕްލޭނެއް އޭނާ އިސްވެ ހާމަކުރުމާ ގުޅިގެންނެވެ. މި މައްސަލައިގައި ޔޫއެފާއިން ދަނީ އިންފަންޓީނޯއާ ދެކޮޅަށް ސުވިޒަލޭންޑުގެ ކޯޓުތަކުގައި ޖިނާއީ މައްސަލައެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އަދި އެމެރިކާގެ ކޯޓުތައް މެދުވެރިކޮށް އެ މުއާމަލާތްތަކުގެ ހެކި ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީ ތިއޯޑޯ ތިއޯޑޮރިޑިސް ވިދާޅުވީ ފީފާގެ ކަންކަން ހުންނަންޖެހޭ އިންތަކުން ބޭރުވެފައިވާ ކަމަށާއި، އެކަންކަން ހަމަމަގަށް އަޅުވަންޖެހޭ ކަމަށެވެ.

އަންނަ އަހަރުގެ މާޗު 18 ގައި މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ނޮވެމްބަރު 18 އެވެ. އިންތިޚާބުގައި ވޯޓުުލުމުގެ ހައްގު ލިބިގެންވާ 211 ގައުމުގެ ތެރެއިން 90 އަށްވުރެ ގިނަ ގައުމުގެ ތާއީދު އިންފަންޓީނޯއަށް އޮތްކަމަށް ރިޕޯޓުތައް ބުނިނަމަވެސް، ޔޫއެފާއިން ދަނީ އޭނާއާ ދެކޮޅަށް ނުކުންނާނެ ވަރުގަދަ ކެންޑިޑޭޓަކު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މި އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބެލެވުނު ބައެއް އިސްވެރިންގެ ތެރޭގައި ޔޫއެފާގެ ރައީސް އަލެކްސަންޑާ ސެފެރިންއާއި، ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚެލައިފީ ހިމެނުނު ނަމަވެސް، އެ ދެ ބޭފުޅުންވެސް ވަނީ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން ޔޫއެފާއާއި އެ ބޭފުޅުންގެ އިއްތިހާދުތަކުން ދަނީ ފީފާ އިސްލާހުކުރުމަށް އިސްނަގައިގެން ކުރިއަށްނުކުންނާނެ އެހެން ކެންޑިޑޭޓަކު ހޯދުމުގެ މަޝްވަރާތައް އިތުރަށް ވަރުގަދަކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް