ކޮލިފައިން ނުކުޅެ 6 ގައުމެއް 2030 ގެ ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ނިމިގެން ދިޔަ ނަމަވެސް، އޭގެ ފަހުން އޮންނަ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މަސައްކަތްތައް ފީފާއިން ފަށައިފިއެވެ. މިގޮތުން، ތާރީޚީ މި މުބާރާތުން މިހާތަނަށް ހަ ގައުމަކަށް ވަނީ މިހާރުވެސް ޖާގައެއް ކަށަވަރުވެފައެވެ.
2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަކީ ފީފާގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭނެ ތަފާތު މުބާރާތެކެވެ. އެގޮތުން ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މި މުބާރާތް ތިން ބައްރެއްގައި ބޭއްވުމަށް ފީފާއިން ނިންމައިފިއެވެ. މުބާރާތް ބާއްވާ މައިގަނޑު ތިން ގައުމަކީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯއެވެ. ނަމަވެސް، 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ ހަނދާންތައް އާކުރުމަށްޓަކައި، މުބާރާތުގެ ފުރަތަމަ ތިން މެޗު އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތް ބާއްވާ ގައުމުތަކުގެ ހައިސިއްޔަތުން ސްޕެއިން، ޕޯޗުގަލް، މޮރޮކޯ، އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭއަށް ވަނީ ކޮލިފައިންއާ ނުލައި މުބާރާތުން ޖާގަ ލިބިފައެވެ. މިއީ ވޯލްޑް ކަޕެއްގައި މިހާ ގިނަ ގައުމުތަކަކަށް އޮޓޮމެޓިކް ޖާގަ ލިބޭ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ޖާގަތައް ބެހިގެންވާ ގޮތަށް ބަލާއިރު، ޔޫރަޕަށް 16 ޖާގަ، އެފްރިކާއަށް 9 ޖާގަ، އޭޝިއާއަށް 8 ޖާގަ، ދެކުނު އެމެރިކާއަށް 6 ޖާގަ، އުތުރު އެމެރިކާއަށް 6 ޖާގަ އަދި އޯޝޭނިއާއަށް 1 ޖާގަ ވަނީ ކަނޑައަޅާފައެވެ. އަދި ބާކީ 2 ޖާގަ ކަށަވަރުވާނީ ބައްރުތަކުގެ މެދުގައި ކުޅެވޭ ޕްލޭ-އޮފް މެޗުތަކުންނެވެ.
މީގެ އިތުރުން، ވޯލްޑް ކަޕްގެ 100 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 48 އިން 64 އަށް އިތުރުކުރުމުގެ ހުށަހެޅުމެއް ފީފާއިން ދަނީ ދިރާސާކުރަމުންނެވެ.

.gif.gif&w=828&q=100)


