logo
logo
ފީފާގެ ރައީސަކު 19 އަހަރަށްފަހު ރާއްޖެ ވަޑައިގަންނަވަނީ

ފީފާގެ ރައީސަކު 19 އަހަރަށްފަހު ރާއްޖެ ވަޑައިގަންނަވަނީ

2025 އޮކްޓޯބަރު 21
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ހަފްތާ ބަންދުގައި ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިއްޖެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވީ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 24 ވަނަ ދުވަހު، އަންނަ ހުކުރު ދުވަހު ކަމަށާއި މިއީ މިދިޔަ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސްއަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ.

"މި ދަތުރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީއަށް ކުރާ މަސައްކަތަށް ހަލުވިކަން އަންނާނެ. އަދި ފީފާ އާއި އެފްއޭއެމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން އަންނާނެ،" ތޯރިގު ވިދާޅުވި އެވެ.

ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވި އެވެ.

"ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން (އެފްއޭއެމްގެ) ރައީސް ތޯރިގްގެ މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ވިސްނުން ކުރިއަށް ނެރޭނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

މިއީ އިންފަންޓީނޯ ފީފާގެ ރައީސްގެ މަގާމު އަދާކުރައްވާ ތިންވަނަ ދައުރެވެ. ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

މިއީ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެޕް ބެލްޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށް ރާއްޖެ ޒިޔާރަތްކުރައްވައިފަ އެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް