މެލޭޝިއާ އެކްސިޑެންޓް: ޓެކްސީ ދުއްވަން އިން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް!

މެލޭޝިޔާގެ ސުބަންގް ޖަޔާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވި ހާދިސާގައި، އޭނާ ދަތުރުކުރި ޓެކްސީ ދުއްވަން އިން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ރޭ ގާތްގަނޑަކަށް 8:48 ހާއިރު ހިނގި މި ހާދިސާއާ ގުޅޭގޮތުން ސުބަންގް ޖަޔާ ސިޓީގެ ޕޮލިސް ޗީފް، އެސިސްޓަންޓް ކޮމިޝަނަރު ވަން އަޒްލާން ވަން މާމަތު މައުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓް ހިނގީ ރައިޑް ޝެއަރިންގެ ދަށުން ޓެކްސީގެ ހިދުމަތްދޭ 37 އަހަރުގެ މެލޭޝިޔާ ފިރިހެނަކު ދުއްވި "ޕެރޯޑުއާ އެޓީވާ" ބްރޭންޑްގެ ކާރު، އެހެން ކާރެއްގައި ޖެހިގެންނެވެ.
ދެ ކާރު ޖެހުނު ބާރުމިނުގައި ޓެކްސީ ކަހައިގެން ގޮސް މަގުގެ މެދަށް ވަނީ ފުރޮޅާލާފައެވެ. އެ ކާރުގައި ދަތުރުކުރީ މެލޭޝިޔާގެ ކޮލެޖެއްގައި ކިޔަވަމުންދިޔަ 22 އަހަރުގެ ދެ ދިވެހި އަންހެން ދަރިވަރުންނެވެ. ކާރު ފުރޮޅާލައި ތާށިވުމުގެ ސަބަބުން ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ސ. ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމްއެވެ.
އެމަޖެންސީ އޮޕަރޭޝަންސް ޓީމުތަކުން އެ ސަރަހައްދަށް ފޯރުނުއިރުވެސް އިމީލީ ނިޔާވެފައިވާއިރު، އޭނާގެ ހަށިގަނޑު މިހާތަނަށް ވަނީ އޮޓޯޕްސީ ހެދުމަށްޓަކައި ސަރްޑަންގް ހޮސްޕިޓަލުގެ ފޮރެންސިކް ޑިޕާޓްމަންޓަށް ގެންގޮސްފައެވެ. މި ހާދިސާގައި ކާރުގައި ދަތުރުކުރި އަނެއް ދިވެހި ދަރިވަރަށް ކުދިކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެކްސިޑެންޓަށްފަހު ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން ދެ ކާރު ދުއްވަން ތިބި މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން، ޓެކްސީ ދުއްވި 37 އަހަރުގެ މީހާ ވަނީ މެތަމްފެޓަމިން (މެތު) އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު މެލޭޝިޔާގެ ކޯޓަކުން ވަނީ އޭނާގެ ބަންދަށް 4 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި ހާދިސާއާ ގުޅިގެން އިމީލީގެ އާއިލާ މެލޭޝިޔާއަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)