މެލޭޝިޔާގައި ތިބި ރޮހިންޔާ ރެފިއުޖީންގެ 1,500 އެއްހާ މީހުން މިއަންމާއަށް ފޮނުވާލައިފި

މެލޭޝިޔާގައި ދިރިއުޅެމުންދިޔަ ރޮހިންޔާ ރެފިއުޖީންގެ ތެރެއިން 1500 އާ ގާތްކުރާ އަދަދެއްގެ މީހުން، ހަނގުރާމައިގެ ޙާލަތުގައި އޮތް މިއަންމާއަށް އަނބުރާ ފޮނުވާލައިފިއެވެ.
މި މީހުން މިއަންމާއަށް ގެންގޮސްފައިވަނީ މެލޭޝިއާގެ ނޭވީގެ އަސްކަރީ މަނަވަރުތަކެއްގައެވެ. އަދި މިއަންމާއަށް ދިޔުމާއެކު، ސެކިއުރިޓީ ޗެކް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެ މީހުން ބާލާފައިވަނީ ކައިރީގައިވާ އަސްކަރީ ބޭހަކަށެވެ.
މިއީ މެލޭޝިޔާއިން މިއަންމާގެ ރެފިއުޖީން އަނބުރާ ފޮނުވާލުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތުގެ ދަށުން ފޮނުވާލެވުނު މީހުންނެވެ.
މިއަންމާގެ ދާޚިލީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ޙާލަތު ނުރައްކާތެރި ފައްތަރެއްގައި އޮތުމާއެކު، މިގޮތަށް ރެފިއުޖީން އަނބުރާ ފޮނުވާލުމާ ގުޅިގެން ބައިނަލްއަޤުވާމީ ޖަމްއިއްޔާތަކުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަންމާގެ ރާކީންގައި އުޅެމުންދާ މުސްލިމް ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިއަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި އަނިޔާވެރި "ކްލިއަރެންސް އޮޕަރޭޝަން" ތަކާއެކު، 700,000 އަށްވުރެ ގިނަ މީހުން އަވައްޓެރި ޤައުމުތަކަށް ހިޖުރަކުރަން މަޖުބޫރުވިއެވެ.
ރޮހިންޔާ ރެފިއުޖީންގެ އެންމެ ބޮޑު އާބާދީއެއް މިހާރު ދިރިއުޅެމުންދަނީ ބަންގްލާދޭޝްގެ ކޮކްސް ބާޒާރުގައެވެ. އެތަނުގައި 1 މިލިއަނަށްވުރެ ގިނަ ރެފިއުޖީން ތޮއްޖެހިގެން ދިރިއުޅެމުންދާއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ.
މެލޭޝިޔާއަކީ އޭޝިއާ ސަރަހައްދުގައި ރޮހިންޔާ މުސްލިމުން އެންމެ ގިނައިން ހިމާޔަތް ހޯދާ އެއް ޤައުމެވެ. ނަމަވެސް، މެލޭޝިޔާއަކީ 1951 ވަނަ އަހަރުގެ ރެފިއުޖީ ކޮންވެންޝަންގައި ބައިވެރިވެފައިވާ ޤައުމަކަށް ނުވާތީ، އެ ޤައުމުގައި ރެފިއުޖީންނަށް ޤާނޫނީ ގޮތުން މަސައްކަތް ކުރުމާއި ތަޢުލީމު ހޯދުމުގެ ޙައްޤުތައް ވަރަށް ބޮޑަށް ހަނިވެފައިވެއެވެ.
ކޮންމެ އަހަރަކުވެސް އެތައް ހާސް ރޮހިންޔާއިން ކުދި ބޯޓުފަހަރުގައި އަންޑަމަން ކަނޑު ހުރަސްކޮށް މެލޭޝިޔާއާއި އިންޑޮނޭޝިޔާއަށް ދާން މަސައްކަތްކުރެއެވެ. މީގެ ތެރެއިން އެތައް ސަތޭކަ މީހުން ކަނޑުމަތީގައި ގެނބިގެން މަރުވެއެވެ.
އދ. އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނާގޮތުގައި، މިއަންމާގައި އަދިވެސް ހަނގުރާމައާއި ދާޚިލީ ހަމަނުޖެހުންތައް ކުރިއަށްދާތީ، ރޮހިންޔާ މީހުން އަނބުރާ އެ ޤައުމަށް ފޮނުވާލުމަކީ އެ މީހުންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެކެވެ.
އިތުރަށް





.gif.gif&w=828&q=100)