އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗުގައި އަޔަރލޭންޑް ކުޅުންތެރިން އިސްރާއިލުން ހިންގަމުންދާ ގަތުލުއާމާއި ދެކޮޅަށް އިހުތިޖާޖުކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅެ 3-0 އިން މޮޅުވި މެޗުގެ ކުރިން، ރިޕަބްލިކް އޮފް އަޔަރލޭންޑްގެ ކުޅުންތެރިން އިސްރާއީލުގެ ކުޅުންތެރިންނާ ސަލާމްނުކޮށް އަދި އިހުތިޖާޖުގެ ހަރަކާތްތަކެއް ހިންގުމުން، މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ލިބިގެންގޮސްފައިވާ ކަމަށް އަޔަރލޭންޑްގެ ހެޑް ކޯޗު ހައިމިރް ހާލްގްރިމްސަން ބުނެފިއެވެ.
ހަންގޭރީގެ ނިއުޓްރަލް ދަނޑެއްގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން އިސްރާއީލުގެ ގައުމީ ސަލާމް ކުޅުނު ވަގުތު އަޔަރލޭންޑްގެ ކުޅުންތެރިން ތިބީ އިސްދަށަށް ޖަހައިގެންނެވެ. އަދި ދެ ޓީމުގެ ކެޕްޓަނުންގެ މެދުގައި ބަދަލުކުރާ ރަމްޒީ ދެމި ގިލި (ޕެންނަންޓް) ބަދަލެއް ނުކުރެއެވެ. މީގެއިތުރުން، ޣައްޒާގެ ހަނގުރާމައިގައި މަރުވި އެންމެންގެ ހަނދާނުގައި އަޔަރލޭންޑް ކުޅުންތެރިން އަތުގައި ކަޅު އަތްބޭންޑް އަޅާފައިވާއިރު، މެޗުގެ ތިންވަނަ ލަނޑު ޖެހުމަށްފަހު ޖެކް މޮއިލާން ވަނީ އޭނާގެ އަތްބޭންޑަށް ބޮސްދީފައެވެ.
މި މެޗު ކުޅުމާ މެދު އަޔަރލޭންޑްގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި، މެޗު ބޮއިކޮޓް ކުރުމަށް "އައިރިޝް ސްޕޯޓް ފޯ ޕެލެސްޓައިން" ޖަމާއަތާއި ގިނަ އަދަދެއްގެ އެތުލީޓުން ދިޔައީ ގޮވާލަމުންނެވެ. މެޗުގެ ކުރީ ދުވަހު ކުޅުންތެރިންގެ މެދުގައި ބޭއްވުނު ދިގު ބައްދަލުވުމަކަށްފަހު، ބޮޑު އަޣުލަބިއްޔަތަކުން މެޗު ކުޅެން ނިންމި ނަމަވެސް، ކީޕަރު ގޭވިން ބާޒޫނޫ ވަނީ އިސްރާއީލާ ދެކޮޅަށް ކުޅެން ދެކޮޅުހަދައި ޓީމުން ވަކިވެފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ހާލްގްރިމްސަން ބުނީ، ކުޅުންތެރިންގެ މި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް މައިދާނުގައި ކުޅުންތެރިން ދެއްކި އަމަލުތަކުން މުޅި ދުނިޔެއަށް ބޮޑު މެސެޖެއް ދެވިއްޖެ ކަމަށެވެ. އަދި ކީޕަރު ބާޒޫނޫގެ ނިންމުމަށް މުޅި ޓީމުންވެސް އިހުތިރާމްކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މިދިޔަ ފެބްރުއަރީ މަހު ދެ ޓީމު އެއް ގްރޫޕެއްގައި ލެއްވި ފަހުން އަޔަރލޭންޑުން ދިޔައީ އިސްރާއީލު ސަސްޕެންޑް ކުރުމަށާއި މެޗުތައް މާލީ އަދި ފުޓްބޯޅައިގެ ބޮޑެތި ފިޔަވަޅުތަކާ ނުލައި ދޫކޮށްލެވޭނެ މަގުތައް ހޯދަމުންނެވެ. ނަމަވެސް ޔޫއެފާއިން އެކަމަށް އެއްބަސްވެފައި ނުވާތީ، މެޗުތައް ކުޅެން ނިންމީ ސަސްޕެންޝަނަކުން ސަލާމަތްވުމަށެވެ.
އިތުރަށް





.gif.gif&w=828&q=100)