logologologologo
STO
ކުޅިވަރު

ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ނޯވޭ ބަލިކޮށް ޕޯޗުގަލްއިން ތިން ޕޮއިންޓް ހޯދައިފި

ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ނޯވޭ ބަލިކޮށް ޕޯޗުގަލްއިން ތިން ޕޮއިންޓް ހޯދައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 28

ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ހަތަރެއްގައި ރޭ ނޯވޭއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-1 ގެ ނަތީޖާއަކުން ޕޯޗުގަލްއިން ކާމިޔާބުކޮށްފިއެވެ.

ނޯވޭގެ ދަނޑުގައި ކުޅުނު މި މެޗަށް ޕޯޗުގަލްއިން ނުކުތްއިރު، އެ ޓީމުގެ ކެޕްޓަން އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އިނީ ބެންޗުގައެވެ. މެޗުގެ އެއްވެސް ހިސާބެއްގައި އޭނާ ކުޅެން ނެރެފައި ނުވާއިރު، އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްވެސް މި މެޗުގައި ކުޅެފައެއް ނުވެއެވެ.

އަމިއްލަ ދަނޑުގައި ނޯވޭއިން ގިނައިރު ބޯޅަ ހިފަހައްޓައި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، މެޗުގެ 17 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕޯޗުގަލްއިންނެވެ. މި ލަނޑު ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޖޮއާއޯ ފޭލިކްސްއެވެ.

ނޯވޭއިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަރި އާލިން ހާލާންޑެވެ. މިއީ ނޭޝަންސް ލީގުގައި އޭނާ ޖެހި 22 ވަނަ ލަނޑުގެ އިތުރުން، ގައުމީ ޓީމަށް ޖަހައިދިން 65 ވަނަ ލަނޑެވެ.

ޕޯޗުގަލްއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުވެގެންދިޔައީ މެޗުގެ 54 ވަނަ މިނެޓުގައި ނޯވޭގެ ގޯލްކީޕަރު އޮރްޔަން ނައިލާންޑަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި، ގޮންޒާލޯ ރާމޯސް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ އިރުކޮޅެއް ފަހުން ނައިލާންޑަށް ހެދުނު އިތުރު ގޯހަކުން ރާމޯސް އަނެއްކާވެސް ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް