logologologologo
STO
ޚަބަރު

މަސްވެރިންގެ ޝަކުވާތަކަށް ރައީސުލްޖުމްހޫރިއްޔާ ދާއިމީ ހައްލެއް ގެނެސްދެއްވައިފި: ޝިޔާމް

މަސްވެރިންގެ ޝަކުވާތަކަށް ރައީސުލްޖުމްހޫރިއްޔާ ދާއިމީ ހައްލެއް ގެނެސްދެއްވައިފި: ޝިޔާމް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 27



މަސްވެރިންގެ ހުރި ގިނަގުނަ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާއިމީ ހައްލެއް ހޯއްދަވައިދެއްވާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އާންމުން ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ސަރުކާރުން ގެނެސްދޭ "އަހާ" ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިން ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސްވެރިންގެ ޙައްޤުތަކަށް އިހުމާލުވެ، މަސްވެރިން މަގުމަތިކޮށްލާފައިވާ ކަމަށް ވަޒީރު ތުހުމަތުކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ބިލިއަނުން ފައިސާ ޗާޕުކުރިއިރުވެސް، މަސްވެރިން ބާނާ މަހަށް ދޭންޖެހޭ ފައިސާ ނުދީ ހުރުމަކީ ބޮޑު ސުވާލެއް އުފެދޭ ކަމެއް ކަމަށާއި، އޭގެ ސަބަބުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާގެ ބޮޑު ބެކްލޮގެއް މި ސަރުކާރާ ހަވާލުވިއިރު އޮތް ކަމަށެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު އެ ފައިސާ ބަރާބަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސަވައި، މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ކަންކަން މިހާރު ހާސިލުކޮށްދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން އެއްވެސް ފައިސާއެއް ޗާޕުކުރުމެއް ނެތި، މިހާތަނަށް މަސްވެރިންނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި މީގެކުރިން މިފްކޯއިން ޚަރަދުތައް ކުރާއިރު ލިސްޓުގެ އެންމެ ފަހަތަށް މަސްވެރިން އައި އައުން ބަދަލުކޮށް، މިހާރު މިފްކޯގެ އެންމެ ފުރަތަމަ އިސްކަމަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ކަމުގައި ހައްދަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، މަސް ފިނިކުރެވޭނެ ވަސީލަތްތައް އިތުރުކުރުމާއި، މިފްކޯގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ރިފޯމްތަކެއް ގެންނަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިންނަކީ ސަބްސިޑީއަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ތަނަވަސް ބަޔަކަށް ހެދުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޭން ފެށީ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް