ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރަނީ

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކޮށްފައިވާ ސިންތެޓިކް ޓްރެކް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ އައު ސިންތެޓިކް ޓްރެކެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ކުޅިވަރާއި ހަކަތައާއި އިޖުތިމާއީ ތަރައްގީއާ ބެހޭ ވަޒީރު އަބްދުއްﷲ ރާފިއު ވިދާޅުވީ، ރައީސް އަބްދުއްﷲ ޔާމީން އަބްދުއްޤައްޔޫމްގެ ވެރިކަމުގައި އެޅި މި ޓްރެކްގެ ސިންތެޓިކް މެޓީރިއަލްތައް ހަލާކުވުމުގެ ސަބަބުން، އެތަނުގައި ފަރިތަކުރާ އެތުލީޓުންނަށް ތަފާތު އަނިޔާތަކާ ކުރިމަތިލާންޖެހޭކަމުގެ ޝަކުވާ ވުޒާރާއަށް ލިބެމުންދާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި މިހާރު އޮތް ޓްރެކަކީ "ވޯލްޑް އެތުލެޓިކްސް" އިން ގަބޫލުކުރާ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ތަނެއް ނޫނެވެ. އެހެންކަމުން، މިހާރު އޮތް މިންގަނޑުގެ ތެރެއިން ދިވެހި އެތުލީޓަކު ޤައުމީ ނުވަތަ ދުނިޔޭގެ ރެކޯޑެއް ހެދިކަމުގައި ވީނަމަވެސް، ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަނުން އެ ރެކޯޑެއް ރަސްމީކޮށް ބަލައިނުގަންނާނެއެވެ.
އެހެންކަމުން، އެތުލީޓުން ނެރޭ ރަނގަޅު ނަތީޖާތައް ބައިނަލްއަގްވާމީ ތިލަފަތުން ވަޒަންކުރެވޭނެ މަގުފަހިކުރުމަށްޓަކައި، މިހާރު އޮތް ސިންތެޓިކް ޓްރެކްގެ ބޭސް އެއްކޮށް ނަގައި، މެޓީރިއަލްތައް ބަދަލުކޮށްގެން އައު ޓްރެކެއް އެޅުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހު އަމަލީގޮތުން ފަށައި، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މުޅިން ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.
މީގެއިތުރުން، ހުޅުމާލޭ ސިންތެޓިކް ޓްރެކުގެ އިތުރުން މާލޭގައި އޮތް ސިންތެޓިކް ޓްރެކްވެސް ބައިނަލްއަގްވާމީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ވަޒީރު ރާފިއު ވަނީ ހާމަކުރައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)