logologologologo
STO
ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހި ފަށަން ވެސްޓްޕާކު ސަރަހައްދު ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހި ފަށަން ވެސްޓްޕާކު ސަރަހައްދު ބަންދުކުރަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 21

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ގޮތުން، އެ މަގުގެ ވެސްޓް ޕާކު ސަރަހައްދު މިރޭ ބަންދުކުރާނެ ކަމަށް މޯލްޑިވްސް ټްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން އާންމުކުރި އެންގުމެއްގައިވާ ގޮތުން، ތިން ވަނަ ފިޔަވަހީގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން މިރޭ 12:00 އިން ފެށިގެން ބަންދުކުރުމަށް ނިންމާފައިވަނީ ވެސްޓް ޕާކު ސަރަހައްދު މަގުގެ އެއްފަޅިއެވެ. މަގުގެ އެއްފަޅި ބަންދުކުރި ނަމަވެސް، އަނެއް ފަޅި އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މި މަސައްކަތުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މަސްމާރުކޭޓުން ފެށިގެން ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރުއަޅާފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

ރައީސް އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑުތަކުރުފާނު މަގުގެ އެންމެ ބޮޑަށް ހަލާކުވެފައިވާ އެމްޕީއެލް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަން އިއުލާންކުރައްވާފައެވެ. ބެލެވޭ ގޮތުގައި އެމްޓީސީސީން އެ ސަރަހައްދުގެ މަސައްކަތް ފަށާނީ މިހާރު ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާ އަމީނީ މަގުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށްފަހުގައެވެ.

މި ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާއިރު، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ކޮމާޝަލް ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުވެސް އަންނަނީ ކުރިއަށްދަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ނޮވެމްބަރު 11، 2027 ގެ ނިޔަލަށް މާލޭ ބަނދަރު ތިލަފުއްޓަށް އެއްކޮށް ބަދަލުކުރެވިގެންދާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް