ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗުގެ 341 ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނު ނިންމައި 341 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ.
މި ރަސްމިއްޔާތުގައި ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.
މި ތަމްރީނުތައް ފަށާފައި ވަނީ މިދިޔަ މެއިމަހުގެ 17ވަނަ ދުވަހުއެވެ. 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ދަރިވަރުން ބައިވެރިވިއެވެ. އެހެންނަމަވެސް ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ މިީގެ ތެރެއިން 341 ދަރިވަރުންނެވެ. އެއީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.
ދަރިވަރުންނަށް ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕާއި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓްވެސް ވަނީ ދީފައެވެ.
ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމުން ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސްކޫލުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ވަޠަނީ ޚިދުމަތުގެ 4ވަނަ ބުރުގެ ސެލެކްޝަން މަރުހަލާތައް ނިންމާ، މި ބުރުގެ ތަމްރީނުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ އަސާސި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދީފައިވެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މީގެ އިތުރުން، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދީފައިވާއިރު، އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ޕްރޮގްރާމެކެވެ.
އިތުރަށް





.gif.gif&w=828&q=100)