ވަގުތު ނުވެގެން އަދާނުކުރެވުނު ބައެއް ޒިންމާތައް ފާތުން އަދާކުރެއްވި: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަގުތު ދެއްވަން އުނދަގޫވެގެން އަދާނުކުރެވުނު ބައެއް ޒިންމާތައް، އަނބިކަނބަލުން ފާތުމަތް އިބްރާހިމް އަދާކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން އަދި ޖަމީލް އިސްވެ ހުންނާގެން ޕީއެންއެފުން ބާއްވާ "ސިޓިންގް ރޫމް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ނުވަތަ ރައީސް އޮފީހަކީ ޒަމާނުއްސުރެ ވަކި ތައްގަނޑަކަށް ހިނގަމުން އަންނަ ތަނެއް ކަމަށާއި ހުރިހާ ކަމަކަށް އެމަނިކުފާނަށް ވަގުތު ހުސް ކުރައްވަން އުނދަގޫފުޅު ވާތީ ބައެއް ކަންކަން ފާތުން ބެލެހެއްޓެވި ކަމަށެވެ.
ޔާމީން ވިދާޅުވީ، ރައްޔިތުން ފޮނުވާ ސިޓީތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައްސަލަތަކާއި، އިޖުތިމާއީ ގޮތުން ދިމާވާ އެކިއެކި ދަތިތަކުގެ ޝަކުވާތައް ގިނައިން ހިމެނޭ ކަމަށެވެ. އަދި އެމަނިކުފާނަށް އެ މަސައްކަތްތައް ބެއްލެވުމަށް ވަގުތު ނުލިބުމުން، އެ ކަންކަން ބައްލަވައި ދެއްވުމަށް އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އަރިހުން އެދިވަޑައިގަތުމުން، އެކަމަނާ ނުކުމެވަޑައިގެން ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ވެސް އެނގިވަޑައިނުގެން، އަނބިކަނބަލުން ރައްޔިތުންގެ ގިނަ ކަންތައްތަކެއް ހައްލުކޮށްދެއްވަމުން ގެންދެވިކަން ފަހުން އެހެން ފަރާތްތަކުން އެނގިވަޑައިގެންނެވި ކަމަށް ޔާމީން ވިދާޅުވިއެވެ.
"ރައީސް ރަސްމީ މަސައްކަތް ކުރަމުން އަޅުގަނޑަކަށް ހަމަ ވަގުތު ނުހޯދުނޭ ހަގީގަތުގަވެސް އެކަހަލަ ކަންތައް ކުރަން. އަޅުގަނޑަކީ ރޭގަނޑުވެސް މީހުންނާ ބައްދަލުކުރާ މީހެއް މުލިއާ ގޭގައި. ދެން އަޅުގަނޑު މެޑަމްއަށް ދެންނެވިން، މެޑަމްއޭ މިކަން ކޮށްދެއްވާށޭ. އެހިސާބުން މެޑަމް ނުކުމެވަޑައިގަތީ މަސައްކަތްކުރަން." ޔާމީން ވިދާޅުވިއެވެ.
ކުރީގެ ވެރިކަމުގައި ރައްޔިތުންގެ ސިޓީތަކަށް އަޅާނުލެވި ދޫކޮށްލެވިފައިވީ ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުންނެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު ސީދާ ރައްޔިތުންގެ ގާތަށް ވަޑައިގެން ހިޔާލުތައް ހޯއްދަވަމުން ގެންދަވާއިރު، ރައީސް އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ތެރެއިން ރައީސާ ވަކިން ބައްދަލުކުރުމުގެ ފުރުސަތު ވެސް ވަނީ އާންމުންނަށް ފަހިކޮށްދީފައެވެ.
އިތުރަށް


.jpg&w=3840&q=100)


.gif.gif&w=828&q=100)