ރައްޔިތުން ކަންބޮޑުވެގެން ފޮނުވި ސިޓީތައް ވެރިކަމުގަ ހުރިއިރު ބަލައެއް ނުލެވުނު: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުން ރައީސް އޮފީހަށް ފޮނުވި ސިޓީތައް ބައްލަވައިނުލެވުނު ކަމަށް އެމަނިކުފާނު ރޭ އެއްބަސްވެވަޑައިގެންފިއެވެ.
ޔާމީން އަދި ޖަމީލް އިސްވެ ހުންނާގެން ޕީއެންއެފުން ބާއްވާ "ސިޓިންގް ރޫމް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ނުވަތަ ރައީސް އޮފީހަކީ ޒަމާނުއްސުރެ ވަކި ތައްގަނޑަކަށް ހިނގަމުން އަންނަ ތަނެއް ކަމަށެވެ.
"ރައީސް އޮފީހަށް އޭރު އަންނާނެ ނިކަމެތިންގެ އެތައް ބައިވަރު ސިޓީތަކެއް. އޭރު އާސަންދައަކީ އޭގެ ޒާތުގައި އެގޮތަށް އިންސްޓިޓިއުޝަނަލައިޒްވެފައި އޮތް އެއްޗެއް ނޫން. ރައްޔިތަކަށް ދަތިވެއްޖެ ކޮންމެ ކަމެއްގެ ވާހަކަ، އޮފީހަކުން ދޭ ޖަވާބަކާ ބެހޭގޮތުން ހިތްހަމަނުޖެހުނަސް އަންނާނީ ރައީސް އޮފީހަށް. ދެން ރައީސްގެ މޭޒުމައްޗަށް މި މައްސަލަތައް އައިސް، އެއަށް ޖަވާބުނުދެވި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ހުރި. އަދި ރައީސް އޮފީހުގެ އެކި ޑިޕާޓްމަންޓުތަކުން، އެތަންތަނުގައި ތިބޭ ވެރިން ރައީސް އޮފީހާ ހަމައަށް ގެންނަން ނުޖެހޭ ކަމަށް ހީފުޅުކުރައްވައި ގަބޫލުފުޅުކުރައްވައިގެން، ރައީސްއަށްވެސް ފަސޭހަވާނެ. އެބޭފުޅުން ދެއްވަމުން އަންނަ ތައްގަނޑު ޖަވާބުތަކެއް ތިއީ މި އޮފީހުން ބަލާ ކަމެއް ނޫނޭ، ތިއީ މިވެނި އޮފީހަކަށް ދާންވީ. މިކަހަލަ ގޮތަކަށް ރައީސް އޮފީހުން މިއޮންނަނީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ރައްޔިތުން ފޮނުވާ ސިޓީތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައްސަލަތަކާއި، އިޖުތިމާއީ ގޮތުން ދިމާވާ އެކިއެކި ދަތިތަކުގެ ޝަކުވާތައް ގިނައިން ހިމެނޭ ކަމަށެވެ. އަދި އެމަނިކުފާނަށް އެ މަސައްކަތްތައް ބެއްލެވުމަށް ވަގުތު ނުލިބުމުން، އެ ކަންކަން ބައްލަވައި ދެއްވުމަށް އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އަރިހުން އެދިވަޑައިގަތުމުން، އެކަމަނާ ނުކުމެވަޑައިގެން ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނަށް ވެސް އެނގިވަޑައިނުގެން، އަނބިކަނބަލުން ރައްޔިތުންގެ ގިނަ ކަންތައްތަކެއް ހައްލުކޮށްދެއްވަމުން ގެންދެވިކަން ފަހުން އެހެން ފަރާތްތަކުން އެނގިވަޑައިގެންނެވި ކަމަށް ޔާމީން ވިދާޅުވިއެވެ.
ކުރީގެ ވެރިކަމުގައި ރައްޔިތުންގެ ސިޓީތަކަށް އަޅާނުލެވި ދޫކޮށްލެވިފައިވީ ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުންނެވެ.
އިތުރަށް


.jpg&w=3840&q=100)


.gif.gif&w=828&q=100)