logologologologo
STO
ޚަބަރު

އަލިފާނުގެ ހާދިސާ އާއި ގުޅުވާ ޔާމީން ދެއްކި ވާހަކައިގެ ހަގީގަތް ހޯދަން ތަހުގީގު ކުރަނީ

އަލިފާނުގެ ހާދިސާ އާއި ގުޅުވާ ޔާމީން ދެއްކި ވާހަކައިގެ ހަގީގަތް ހޯދަން ތަހުގީގު ކުރަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 07

ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި އިމާރާތުގައި ޑިސެމްބަރު 2024 ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ ހަގީގަތް ހޯދައި، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތް ނަމަ އެ ކަމެއް ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާން އަންގަވައިފި އެވެ. 

މިނިސްޓަރު އިހުސާންގެ އެ އެންގުން ފުލުހުންނަށް އެންގެވިކަން އިއުލާން ކުރެއްވީ ތިން މިނިސްޓްރީގައި އަލިފާން ރޯކޮށްލީ ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުންނެވެ. 

މިނިސްޓަރު އިހުސާންގެ ސޯޝަލް މީޑީއާ ޕޯސްޓުގައި ވަނީ،  އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާ ވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަގުކޮށް ޔާމީން ވިދާޅުވި މައްސަލާގައި ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަވާ ނަމަ އެކަން ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާގައި ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ތިން މިނިސްޓްރީގައި ޑިސެމްބަރު 12، 2024 ގެ ހެނދުނު ރޯކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގެ އެވެ. އަދި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެ މީހުން ބޭނުމެއް ނުވޭ ފިޔަވަޅު އަޅާކަށް،" ޔާމީން ވިދާޅުވި އެވެ. 

ޔާމީންގެ ތުހުމަތާ ގުޅިގެން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކުގައި ރޯވި މައްސަލައާ ގުޅިގެން އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދި ހޯދުމުން އެނގުނީ އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށެވެ.

"... އަދި އެއްވެސް މީހަކަށް މި މައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ އަޅުގަނޑަށް މައުލޫމާތު ދެއްވާފަ އެވެ.،" މިނިސްޓަރު ވިދާޅުވި އެވެ.

ތިން މިނިސްޓްރީއެއް ހިންގަމުން އައި ޓިނު އިމާރާތާއި އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގަމުން އައި ގްރީން ބިލްޑިން އަދި މާލެ ސިޓީ ކައުންސިލް ހިންގަމުން އައި ތަން ވެސް ޑިސެމްބަރު 12، 2024 ވަނަ ދުވަހުގެ ހެނދުނު 6:30 ގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އަނދައި ހުލިވެފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރު ޓީމެއް ވެސް ދިވެހި ސަރުކާރުން ގެނެސް ތަހުގީގުކުރި އެވެ. 

މިދިޔަ އޮގަސްޓް 11 ވަނަ ދުވަހު މިނިސްޓަރު އިހުސާން ރައްޔިތުންގެ މަޖިލިިހުގައި ވެސް ވިދާޅުވެފައި ވަނީ ތިން މިނިސްޓްރީގައި ރޯވުމުގައި "ހުޅު ޖެހުމުގެ" ހަމަލާއެއް ނުހިމެނޭ ކަމަށް ތަހުގީގަށް އެނގޭ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް